ގދ. ތިނަދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ހުރި ބިދޭސީއެއް ކަމަށެވެ.

އަދި އޭނާގެ ކޮންޓެކްޓެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،513 އަށް އަރާފައެވެ. ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،540 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 913 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 69 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 49 އަށް ވަނީ އަރާފައެވެ. އެއީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 49 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިވަގުތު ރާއްޖޭގެ ބައެއް ރަށްރަށް ވަނީ ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. އެ ރަށްރަށުގެ ތެރޭގައި ގއ. ދެއްވަދޫއާއި، ދާންދޫ އާއި ވިލިނގިލި ހިމެނެއެވެ.