ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަނަށް ދާއިރު، ހުރިހާ ގައިޑްލައިނެއްގައި ހުރި ކަންތައްތަކަށް ވެސް އަމަލު ކުރާކަން ފާހަގަ ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޒާން ވިދާޅުވީ ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަނަށް ދާއިރު، ހުރިހާ ގައިޑްލައިނެއްގައި ހުރި ކަންތައްތަކަށް ވެސް އަމަލު ކުރާކަން ފާހަގަ ވެފައިވާ ކަމަށެވެ. ނަމަވެސް ގައިޑްލައިނަށް އަމަލު ކުރަނީ އިންސްޕެކްޝަނަށް ދާކަން އެނގިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންސްޕެކްޝަން ނިންމާ، މިނިސްޓްރީން އިން ދިއުމުން ކަން ފަސޭހަ ކޮށްލެވޭ ކަމަށެވެ. އަދި ޓޫރިސްޓް ފެސިލިޓީތަކަށް ފިޔަވަޅު ނޭޅިއަސް، އެންމެންގެ ރައްކާތެރި ކަމަށްޓަކައި، ރެންޑަމްކޮށް، އަވަސް އަވަހަށް އިންސްޕެކްޝަން ހިންގާނެ ކަމަށެވެ.

ރައްޒާން އިތުރަށް ވިދާޅުވީ، ރިސޯޓްތަކުގައި މިހާރު މުވައްޒަފުން ޕޮޒިޓިވްވަމުން ދަނީ ކަރަންޓީނަށް ދާ މުވައްޒަފުންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މުވައްޒަފުންގެ ތެރެއިން ފެންނަ ޕޮޒިޓިވް ކޭސްތަކާ ފަތުރުވެރިންނާ ގުޅުމެއް އޮތް ކަމަށް ނުފެންނަ ކަން ފާހަގަ ކުރައްވައެވެ.

ރިސޯޓްތަކުގައި މުވައްޒަފުން ޕޮޒިޓިވް ވާ އަދަދު ގިނަވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައްޒާން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިންނާ ބައްދަލުވާއިރު، ނުވަތަ ޑިއުޓީގައި އުޅޭއިރު މުވައްޒަފުން ގައިިޑްލައިންތަކަށް ހާއްސަ ސަލާމުކަމެއް ދޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން، ޑިއުޓީއަށްފަހު ސްޓާފް އޭރިއާގައި އުޅޭއިރު ވެސް ގައިޑްލައިންތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.