ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ކޭސްތަކުގެ ޓްރެންޑް ހުރިގޮތުން ކޭސްތައް އިތުރު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ، މާލޭގައި ރެންޑަމް ކޮށް ނަގަމުން ދާ ސާމްޕަލް ތަކުން ކޭސްތައް އިތުރު ވަމުން ދާ ކަމަށެވެ. އަދި ކޭސްތަކުގެ އަދަދު ބައެއް ފަހަރު ގިނައިރު އަނެއްބައި ފަހަރު މަދު ކަމަށާއި، ޓްރެންޑަށް ބަލާއިރު، ކޭސްތަކުގެ އަދަދު މައްޗަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އައި 2 ޕީކަށް ފަހު ތަޖުރިބާ ކުރެވުނު ގޮތުގައި ކޭސްތައް މަދުވާއިރަށް އާންމުން ގައިޑްލައިންތަކާ ދުރަށް ދެއެވެ. ހާއްސަކޮށް ކުޅިވަރުތައް ކުޅޭ ތަންތަނުން ގައިޑްލައިންތަކަށް ސަމާލުކަން ނުދޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރާށް ވިދާޅުވީ މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ޕްރޮޖެކްޝަނެއް ހަދާފައި ނުވާ ކަމަށެވެ. އަދި ކޭސްތައް ހުރި ގޮތަށް ބަލާފައި ކުރިއަށް އޮތްތާ ޕްރޮޖެކްޝަންސް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތު ދެނެގަތުމަށް ބަލަނީ ހަމައެކަނި ޕޮޒިޓިވް ކޭސްތަކުގެ އަދަދަށް ނޫން ކަމަށާއި، ކޭސްތައް ފެންނަ ތަނެއްގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ތަފާތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ކޮވިޑް ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ޖެނުއަރީ 1 އިން ޖެނުއަރީ 7 ވަނަ ދުވަހާ ހަމައަށް ވަނީ 231 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 1 ގައި 47 ކޭސްއެވެ. މީގެ އިތުރުން މި މަހުގެ 8 އިން 14 އަށް ކޮވިޑް ކޭސްތައް އިތުރުވަމުން އައިސްފައިވާ އެ ހަފްތާގައި ޖުމްލަ 337 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު 59 ކޭސްގެ ގޮތުގައެވެ.

މި މަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް މިވީ ތިން ދުވަހު ޖުމްލަ 188 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު މުޅި ޖެނުއަރީ ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ 756 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ އިއްޔެ އެވެ. އެއީ 87 ކޭސްއެވެ. އޭގެތެރޭގައި 32 މީހުންނަކީ ރިސޯޓެއްގެ ސްޓާފުންނެވެ.