ކޮވިޑް ބަލިމަޑުކަން ފެތރުން ކޮންޓްރޯލް ކުރުމަށް ޖަހަން ފަށާ ވެކްސިން ޖެހުމަށް ރަޖިސްޓާ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

މިހާރު ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޑް ވެކްސިން ޖެހުމަށް ފުރަތަމަ ހަމަޖެހިފައި ވަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނާއި ހެލްތު ވޯކަރުން ކަމަށެވެ. އެގޮތުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ޖެހުމަށް ރަޖިސްޓާ ވާން މާދަމާ ހުޅުވާލާނެ ކަަމަށާއި އެ ޕޯޓަލްގައި ރަޖިސްޓާ ވުމަށް ނަޒްލާ އެދިވަޑައިގެންނެވިއެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ދޭނެ ގޮތުގެ ތަފްސީލް މީގެ ކުރިން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެ ގޮތުން ވެކްސިން ދިނުމަށް 3 ގްރޫޕަކަށް މީހުން ވަނީ ބަހާލާފައެވެ.

ކޮވިޑް ވެކްސިން: ފުރަތަމަ ގްރޫޕް

  • ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން
  • ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން
  • އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން
  • ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން
  • ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

ކޮވިޑް ވެކްސިން: ދެވަނަ ގްރޫޕް

  • 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް
  • ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން
  • ހަކުރު ބަލި ހުންނަ މީހުން
  • އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން
  • ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން
  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން
  • ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން
  • ތެލެސީމިއާ ކެރިއަރުން
  • ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން

ކޮވިޑް ވެކްސިން: ތިންވަނަ ގްރޫޕް

  • ޓީޗަރުންނާއި ފުލުހުންނާއި ސިފައިން
  • އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން
  • ޓޫރިޒަމް ދާއިރާގެ މުވައްޒަފުން
  • ވެމްކޯ މުވައްޒަފުން
  • ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން
  • ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް
  • ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން
  • ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އިރު، އިތުރުން އާބާދީގެ އިތުރު މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް އެޗްއީއޯސީން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް މިހާތަނަށް އައި އިރު ރާއްޖެއަށް ގެންނަނީ ކޮން ވެކްސިންއެއް ކަމެއް ސަރުކާރުން ހާމަކޮސްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ މިމަހު ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހު ވެކްސިން ލިބޭނެ ކަމަށް މިޑިއާތަކުން ބުނެއެވެ.

ރާއްޖެއަށް ވެކްސިން ގެނައުމަށް ވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއާ ކުންފުންޏާ ދެމެދު އެއްބަސްވެފައެވެ. ރާއްޖެއިން ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ.