ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ހަލުވި ކަމާއެކު ދެކެވެމުންދާ ވާހަކައަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކައެވެ. ކޮވިޑް-19 ބަލިމަޑުކަމާއެކު ފަސްވެގެން ދިޔަ އިންތިހާބު އަލުން ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތާއެކު، ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، އިންތިހާބު ބާއްވަން ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.

ދައުރުން ބޭރުން މަޖިލިސް ޖަލްސާތައް ބާއްވާ، އިންތިހާބު ބާއްވާނެ މަގު ފަހި ކުރުމަށް "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު"ގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. ބަހުސްގައި ބައެއް މެންބަރުން ވަނީ މި ހާލަތުގައި އިންތިހާބު ބޭއްވުމުގެ ހަރަދާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އިގްތިސޯދީ ގޮތުން ދަތި އަދި ބަލިމަޑުކަމަކުން ރައްކާތެރިވާން ޖެހިފައިވާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވާ ނަމަ އެކަމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ވާނެ ކަމަށް ވިދާޅުވެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ނިމިދިޔަ 2020 ވަނަ އަހަރު ކުރީކޮޅު ބާއްވަން ޖެހޭ އިންތިހާބެކެވެ. އިންތިހާބެއް ބާއްވަން ޖެހޭ ތާރީހުން ކަޓައިގެން، އެތައް މަސް ދުވަހަކަށް ލަސްވެ ދިއުމަކީ ރާއްޖެ ފަދަ ސިޔާސީ ގޮތުން ހަލަބޮލި ގައުމަކަށް ނުރައްކާ ބޮޑު ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމުގެ ކުރިން ސިޔާސީ މަޝްރަހުގައި ވައިގައި ހިފާފައިވާ ހަލަބޮލިކަން އެނބުރި އައުމަށް ކޮށައިދޭ ފުޅާ މަގެއްގެ ގޮތުގައި އިންތިހާބު ލަސްވުން ވެގެން ދާނެއެވެ. އެހެންކަމުން ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު ވީ އެންމެ އަވަހަކަށް ބޭއްވުން ނުހަނު މުހިންމު ނޫން ހެއްޔެވެ؟

އިންތިހާބު ބާއްވަން އެތައް މިލިއަން ރުފިޔާ އިތުރަށް ހަރަދު ވާނެތީ، މިހާލަތުގައި އިންތިހާބު ބޭއްވުމަކީ މުހިންމު ކަމެއްތޯ ބައެއް މެންބަރުން ސުވާލު އުފެއްދެވިއެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވަން އުޅެފިނަމަ އިތުރަށް ހަރަދުވާނެ މިންވަރަކީ ކޮބާތޯ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހިސާބު ޖައްސަވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރުމާއި، ޕީޕީއީއަށް އަދި ތާމޯމީޓަރަށް 7.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.

މާލީގޮތުން ދަތި ދުވަސްވަރެއްގައި އިންތިހާބު ބާއްވަން އުޅޭތީ ސަލީމް ކަންބޮޑުވުން ފާޅު ކުރެއްވުމުން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އެފަދަ ވާހަކައެއް ދެއްކެވެމުންނެވެ. މަޖިލިސް މެންބަރުންނަށް މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ލިބެއެވެ. ހަރަދު ކުޑަކުރަން މުސާރައިން 30 ޕަސަންޓް އުނިކުރީމައި ވެސް 69،750 ލިބެއެވެ.

ކޮވިޑްގެ މިހާލަތުގައި ގައުމުގެ މާލީ ހާލަތު ދަށުން ދަށަށް ދިޔައިރު ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ އެއްބަޔަކީ މަޖިލިސް މެންބަރުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް މެންބަރުންގެ މުސާރައަށް ނަގަމުން ދިޔައިރު، ގިނަ މަޖިލިސް މެންބަރުންނަކީ އަމިއްލަ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް އިތުރު އެހެނިހެން މަސައްކަތް ކުރަމުން ދާ ބައެއް ކަން ފާހަގަ ކޮށްލެވެއެވެ.

އެހެންކަމުން މިއަދު ގައުމުގެ އަމަންއަމާން ކަމާމެދު ސުވާލު އުފެދެމުން މިދާ ދަނޑިވަޅުގައި މެންބަރުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލުން ގޯސް ހެއްޔެވެ؟ މި ހާލަތުގައި އިންތިހާބު ބޭއްވޭނީ އިންތިހާބު ބާއްވަން ކުރިން ހަމަޖެއްސި 51 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 19 މިލިއަން ރުފިޔާ ލިބިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ވާއިރު، އެ ފައިސާ ހަމަޖެއްސުމަށް މެންބަރުންގެ މުސާރަ އިތުރަށް ކުޑަކޮށްގެން، ރައްޔިތުންގެ ޓެކްސް ފައިސާއިން ނަގަން ޖެހޭ އަދަދު ކުޑަކުރުން ކިހިނެއް ހެއްޔެވެ؟ އިންތިހާބަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް މަޖިލިސް މެންބަރުން އެހީތެރިކަމެއް ފޯރުކޮށް ދިނުން ކިހިނެއް ހެއްޔެވެ؟

ކޮންމެ މެންބަރަކު ގެއަށް ގެންދަން ލިބޭ މުސާރަ 40،000 ރުފިޔާއަށް ކުޑަކުރި ނަމަވެސް މަހަކަށް 2.5 މިލިއަން (2،581،638) ރުފިޔާ ރައްކާ ކުރެވޭނެއެވެ. އެހެން ކަމަށް ވާނަމަ، 3 މަހުން 7.7 މިލިއަން (7،744،914) ރުފިޔާ ރައްކާ ކުރެވޭނެއެވެ. އިންތިހާބު ބާއްވަން މި ފައިސާ ހަދިޔާ ކުރުން ކިހިނެއް ހެއްޔެވެ؟