ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އޮފީހުން ވައްކަން ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައި، އެ އޮފީހުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މީރާ އޮފީސް ފަޅާލައި ވަގަށް ނަގާފައި ވާ ފައިސާގެ އަދަދު 37000 ރުފިޔާއަށް ވުރެ މައްޗަށް ދާ ކަމަށެވެ. އަދި މިއާއެކު، ގިނަ އަދަދެއްގެ ރެވެނިއު ސްޓޭމްޕު ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގެނީ އެ އޮފީސް ފަޅާލައި ވަގަށް ނަގާފައި ވަނީ ރެވެނިއު ސްޓޭމްޕާއި ފައިސާ އެކަނި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ މީރާ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާއިރު، މޭ 30، 2019ގައި ވަނީ ދ. ކުޑަހުވަދޫ މީރާ އޮފީހުގެ ތިޖޫރީ ފަޅާލާ ވައްކަން ކޮށްފައެވެ. އޭރު ވަގަށް ނަގާފައި ވަނީ 1500 ދިވެހި ރުފިޔާ، 100 ޑޮލަރު، 4682 އެކިވަރުގެ ރެވެނިއު ސްޓޭމްޕާއި އަހަރީ ފީގެ 50 ސްޓިކާ އަދި 62393 ރުފިޔާގެ ހަތަރު ޗެކެވެ. މަދުން ނަމަވެސް މީރާ އޮފީސް ފަޅާލައި ވައްކަން ކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

ފުލުހުން ދަނީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުދަލަށް ރައްކާތެރިވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ.