ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުން އިފްތިތާހު ކޮށްދެއްވީ މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. މި ރަސްމިއްޔާތުގައި ފެން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށް ގެނެސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިމަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 31 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމަފައި ކަމަށް ފެން ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެމައި ނެޓްވޯކް ގާއިމް ކުރުމާއި އާއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ 2 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، 1.1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމް ކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫއަށް ޖުމްލަ 46 މިލިއަން ދިވެހި ރުފިޔާ ހަރަދު ވާނެ ކަމަށް ފެން ކުންފުނިން ލަފާކުރެވެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެއެވެ.