ބިލަބޮންގް ހައި ޑެސްޓިނީ ކެމްޕަސްގައި ކިޔަވަމުންދާ އެއް އާއިލާއެއްގެ 4 ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ސްކޫލުން ބެލެނިވެރިންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ސްކޫލުގައި ކިޔަވާ އެއް އާއިލާއެއްގެ ދަރިވަރުން ތަކެއް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު އެ ސްކޫލަސް ވަނީ ލިބިފައެވެ. އަދި އެ ކުދިން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.
އެ ސްކޫލުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ޕޮޒިޓިވް ވި ދަރިވަރުންނަށް ބަލި ޖެހިފައި ވަނީ ސްކޫލު ތެރެއިން ކަމަކަށް ނުބެލެވެއެވެ. އަދި އުސޫލުތަކާ އެއްގޮތަށް ސްކޫލު ތެރޭގައި ކުދިން އުޅޭއިރު ތިބެނީ މާސްކު އަޅައިގެން ގައިދުރު ކަމާއެކު ކަމަށާ ކޮވިޑްގެ އަލާމާތްތައް ހުރި އެއްވެސް ދަރިވަރަކު ސްކޫލަށް ވަދެފައި ނުވާ އިރު، ސްކޫލު ތެރެއިން ވެސް އެއްވެސް ދަރިވަރެއްގެ ކިބައިން ބަލީގެ އަލާމަތްތައް ފެނިފައި ނުވާ ކަމަށް އެ ސްކޫލުން ބުނެއެވެ.
މި ކޭސްގެ މައުލޫމާތު ލިބުމާއެކު ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނުމުން އަމަލު ކުރަން ޖެހޭ އުސޫލަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ބިލަބޮންގް ސްކޫލުން ބުނެއެވެ. އެ ސްކޫލުން ބުނީ ފުރަތަމަ ކަމެއްގެ ގޮތުގައި ޕޮޒިޓިވް ކޭސް ފެނުނު ދަރިވަރުން ތިބި ކްލާހުގެ ބެލެނިވެރިންނަށް އެ ކޭސްގެ މައުލޫމާތު ދީފައި ވާ ކަމަށެވެ.
އަދި ދެވަނަ ކަމެއްގެ ގޮތުގައި އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލީގެ އެއްވެސް ނުރައްކަލެއް ސްކޫލަށް އޮތް ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށާއި، މިހާތަނަށް އެއްވެސް ނުރައްކަލެއް ނެތުމުން ސްކޫލުގެ ކިޔެވުން ކުރިން ވެސް އޮތް ގޮތަށް ކުރިއާށް ގެންދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
ބިލަބޮންގް ސްކޫލުން ބުނީ މިއީ ހިތާމަވެރި ހަބަރެއް ނަމަވެސް ނިއު ނޯމަލްގައި ކުދިން ސްކޫލަށް ނެރެގެން ކިޔަވައި ދޭއިރު މިފަދަ ކަންތައް ވާނެކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރި ކަމަށް އެޗްޕީއޭގެ ހުރިހާ އުސޫލުތަކާ އެއްގޮތަށް ސްކޫލުން އަމަލު ކުރަމުން ދާނެ ކަމުގެ ޔަގީންކަން ބިލަބޮންގް ސްކޫލުން ވަނީ ބެލެނިވެރިންނަށް ދީފައެވެ.
ހަމައެއާއެކު ބައްޔަށް ޕޮޒިޓިވް ވި ދަރިވަރުންނާއި، އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ދައުރު ނުކުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސް ކޮށްފައެވެ.