ގއ. ދެއްވަދޫ އަދި އެހެން ބައެއް ރަށްރަށުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް، ރަށްރަށުގައި ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19 މާލެއިން ވަރަށް ބޮޑުތަނުން މަދުވެފައިވީ ނަމަވެސް އެވައިރަހުގެ އަސަރު ރާއްޖޭގެ އެހެނިހެން ރަށްރަށުން ފެންނަމުން ދާ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅާފައި ނުވުމަކީ ހިތާމަ ކުރާކަމެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އެ ކޯލިޝަނުން ބުނީ، ގއ. ދެއްވަދުއިން ކޮވިޑްގެ އަސަރު ފެނި، އެރަށުގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ އިރު އެރަށުގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރި ކަމަކާއި ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނި މިދިޔަ ދުވަސްތަކުގެ ތެރޭގައި، މިހާތަނަށް އެ ކުޑަ އާބާދީގެ 62 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
އެ ބަޔާނުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާ އިރު، ރާއްޖޭގެ ކުދި އާބާދީތަކުން ކޮވިޑް ފެނި ކޮންޓްރޯލް ނުވެ ދިއުމަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެބަލި ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންދާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ކުދި އާބާދީތަކުގައި ވެސް ކޮވިޑްގެ އަސަރެއް ކިތަންމެ ކުޑަކޮށް ފެނުނު ނަމަވެސް، އެތަނެއްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުއްވުން އަވަސް ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި އެތަންތާގައި ވެސް ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ގާއިމު ކޮށްދެއްވުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ދެއްވަދޫއިން 62 މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވާއިރު، މިއަދުގެ ނިޔަލަށް ދެއްވަދޫއިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 55 މީހެކެވެ. ނަމަވެސް އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 65 އަށް ވަނީ އަރާފައެވެ.