އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ދަށުވެ އަނިޔާވި މީހާ މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވީ ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމްއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާސިމް މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ މަރުވީ ރޭ ފަތިހު 5:40 ހާއިރު ކަމަށް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވައެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ އާސިމްގެ ހަށިގަނޑުގައި ފްރެކްޗާތަކެއް ހުރި ކަމަށް މީގެ ކުރިން މައުލޫމާތު ދެއްވާފައެވެ. އަދި އޭރު އޭނާއަށް ފަރުވާ ދެމުން ދިޔައީ އީއެންޓީ ވޯޑުގައެވެ.

މިމަހު 7 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއިން އާންމު ވެފައިވާ ފޮޓޯތަކަށް ބަލާއިރު، ބިއްލޫރި ޕެލެޓް ދަށުވެ ތާށިވި އާސިމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން އެނގެއެވެ. ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އޭނާ ތާށީވެފައި އޮތް އިރު، ބިއްލޫރި ޕެލެޓް އޮތީ އޭނާގެ މޭ މަތީއެވެ. އަދި އޭނާގެ އެއް އަތް ބިއްލޫރިތައް މަތީ އޮތް އިރު، އެ އަތަށް ވެސް ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.

އެރޭ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ ޖުމްލަ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކަށް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ވި އިރު ދެން ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. ޕެލެޓް ދަށުގައި ތާށިވީ، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު އެ ޕެލެޓް ނެރުމަށް ހަރަކާތްތެރި ވަމުން ދިޔަ އާސިމްއެވެ.

ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި މި ހާދިސާ ތަހުގީގު ކޮށް މި ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތް ތަކެއް ކުރާ ތަނަކަށް ވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ.