މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ކައިވެނި ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 100 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށާއި އޭގެ ތެރެއިން 68 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ.
މި 68 ކޭސްއާ ގުޅުން ހުރި އިތުރު ކޭސްތައް ފެނިފައިވާ އިރު 30 މީހަކު ޕޮޒިޓިވް ވެފައި ވަނީ ޕާޓިއަށް ދިޔަ މީހުންގެ އާއިލާއިން ކޮންޓެކްޓުންގެ ގޮތުގައި ފެނުނު ކޭސްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓިއަށް ދިޔަ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ވަޒީފާގެ މާހައުލުން ވެސް އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ.
ކައިވެނި ކްލަސްޓާ އާ ގުޅިގެން މިހާތަނަށް 300 މީހުން ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ އިރު އެމީހުން ތިބީ ކަރަންޓީން ގައި ކަމަށް އަރޫޝާ ވިދާޅުވިއެވެ. އަދި މިހާތަނަށް އައި އިރު 401 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝީ ބިލްޑިންގައި ބޭއްވި މި ޕާޓީގައި ގާތްގަނޑަކަށް 120 މީހުން ވަނީ ބައިވެރި ވެފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު އެ ހަފްލާގައި ބައިވެރިވެފައި ވާއިރު، އެ ހަފްލާއިން ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި، ޔޫކޭއިން ރާއްޖެ އައި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ އަކީ ކައިވެނި ކްލާސްޓާއާ ގުޅުން ހުރި މެންބަރެއް ކަމަށް ވެސް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.
އޭރު ގަވައިދު އޮތް ގޮތުން ޔޫކޭ އިން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހުނު ނަމަވެސް އެމީހާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނި ޓެސްޓު ކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. އަދި އެއީ ޔޫކޭން ފެނުނު ކޮވިޑުގެ ސްޓެރެއިންގެ ކޭސްއެއް ކަން ބެލޭނެ ގޮތެއް ނެތް ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ.