ގިނަ ރިސޯޓްތަކުގައި މުވައްޒަފުން ޕޮޒިިޓިވްވާ މިންވަރު އިތުރުވެގެން ދަނީ ދިވެހިންގެ އާދަކާދައިގެ މަތިން އުޅެމުންދާ "ގައިގޯޅި" ކަމާއި އެފަދަ އާދަކާދަ ނައްތާ ނުލެވޭތީ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވީ، ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ހާލަތަށް ބަލާނަމަ މެނޭޖްމަންޓް ލެވެލްތަކުގެ މުވައްޒަފުންނަށް ވުރެ ދަށު ލެވެލްގެ މުވައްޒަފުން ދިރިއުޅޭ ތަންތަނުގައި ތޮއްޖެހުން ބޮޑުވާނެ ކަމަށެވެ. ހަމައެއާއެކު ރިސޯޓުތަކުގައި މުވައްޒަފުން ކައިބޮއެ އުޅުމަށް ހަދާފައި ހުންނަ ސްޓާފުންގެ ކެންޓީން ފަދަ ތަންތަނުގައި ވެސް ބައިބޯވުން އިތުރުވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ދިވެހިންނަކީ ދިވެހިންގެ ތަބީއަތުގައި ވަރަށް ގައިގޯޅި ބައެއް، ސަލާމްކޮށްލަން ވެސް ކޮނޑުގައި ޖަހާ ނުލާ ކަމަކު ނުދާނެ. އެހެންކަމުން މި އާދަކާދައާ ދުރަށް ޖެހިލަންޖެހޭ އެބަ. ދިރިއުޅުމުގައި އެފަދަ ބަދަލުތަކެއް ގެންނަން މި ވަނީ މަޖުބޫރުވެފަ."
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ނަމަވެސް ރިސޯޓުތަކުގައި ސްޓާފުންގެ ކެންޓީން ނުވަތަ ރެސްޓޯރަންޓް ތަކުގައި ވެސް އަމަލު ކުރަންޖެހޭ އުސޫލުތަކެއް ހުންނާނެ ކަމަށާއި އެ އުސޫލުތަކަށް ބޯލަނބާ ނަމަ ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިންނަކީ ސަލާން ގަލާން ކުރުމުގައި ވެސް "ގައިގޯޅި" ކަން ބަހައްޓާ ބައެއް ކަން ފާހަގަ ކުރައްވަމުން މައުސޫމް ވިދާޅުވީ މިހާރު އެ އާދަކާދައަށް ބަދަލު ގެންނަ ވަނީ މަޖުބޫރުވެފައި ކަމަށެވެ.

ރިސޯޓުތަކުގައި ކުޅިވަރު ކުޅެން އުޅޭ އިރުވެސް މުވައްޒަފުން އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އަނެކާ އަކީ ކޮވިޑްގެ ވައިރަސް ހުރެދާނެ މީހެއް ކަަމަށް ބަލައިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާނަމަ ބަލި ޖެހުމުން ދުރުވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދިވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެ ގޮތުން ވީހާވެސް ގިނައިން މާސްކް އަޅައިގެން އުޅުމާއި ގިނަގިނައިން އަތް ދޮވުމާއި ގައިދުރުކަން ދެމެހައްޓުމަށް ސަމާލުކަން ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

"ބައިބޯކޮށް އުޅެން ޖެހޭ ތަންތަނުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވޭ. އެގޮތުން ރިސޯޓުތަކުގައިވެސް ގައިގޯޅިކޮށް އުޅޭ ހާލަތުގައި ހުރި ތަންތަނުގައި އަވަަހަށް ބަލި ފެތުރުމުގެ ޗާންސް ބޮޑުވާނެ."
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ކޮވިޑް ކޭސްތައް މިހާރު ރިސޯޓްތަކުގައި ގިނަ ވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ޑރ. މައުސޫމް ވިދާޅުވީ، މިހާރު ރިސޯޓުތަކުގައި އަމަލުކުރަން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ނަމަ ރިސޯޓުތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ ކަމަށެވެ. ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ދަނީ އެ ގައިޑްލައިނުގައި ވާ ގޮތަށް "އަކުރުން އަކުރަށް" އަމަލު ނުކުރެވޭތީ އާއި ބައިބޯކޮށް "ގައިގޯޅިކޮށް" ރިސޯޓުތަކުގެ މުވައްޒަފުން ދިރިއުޅެމުން ދާތީ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ރިސޯޓުތަކުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުތަކަށް އަލިއަޅުއްވާ ލައްވަމުން މައުސޫމް ވިދާޅުވީ، ރިސޯޓަކުން ކޮވިޑް ކޭސްއެއް ފެނުމާއެކު ފުރަތަމަ އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމް މިނިސްޓްރިއާ ދެމެދު މަޝްވަރާ ކުރާ ކަމަށެވެ. އަދި އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ. ކޭސްތައް ފެންނަމުން އަންނަ ގޮތަށް ބެލުމަށް ފަހު، އެ ރިސޯޓެއްގެ ސްޓާފުން ނުވަތަ ޓޫރިސްޓުންގެ މޫވްމަންޓް ރެސްޓްރިކްޓް ކުރަން ބޭނުންވާ ހަލާތުގައި އެކަން އެޗްޕީއޭއިން މިނިސްޓްރީއަށް އަންގާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓޫރިޒަމް އޮޕަރޭޓްކުރަން ހަދާފަ އޮތް ގައިޑްލައިނާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްކޮށް، އަކުރުން އަކުރަށް ފިލިން ފިއްޔަށް ތަންފީޒު ކުރެވުން ދަންޏާ ކޮވިޑް ފެތުރުމުގެ ޗާންސް ވަރަށް ކުޑަވާނެ. ދެން މީހަކު ޕޮޒިޓިވް ނުވާނެއެކޭ ނޫން. ވަރަށް ބޮޑަށް ބަލި ފެތުރުން ކުޑަވާނެ"
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ކޭސްތައް އިތުރުވަމުން އަންނަ ނަމަ، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ރިސޯޓަކަށް އިތުރު މީހުން ދިއުން މަނާ ކުރެވޭނެ ކަމަށާއި ނަމަވެސް އެ ރިސޯޓުގައި ތިބޭ ފަތުރުވެރިންނަށް ޑިޕާޗާ ވެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. އެޗްޕީއޭއިން އަންގާ ގޮތަށް އެ ރިސޯޓެއްގައި ކޭސްތައް ހުންނަ މިންވަރަކާއި ބަލި ފެތުރޭ މިންވަރަށް ބެލުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރުވެސް އަޅާފައިވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަމުން އަންނަ އިރު ބައެއް ރިސޯޓުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، ނިމަ ރިސޯޓުން މިހާތަނަށް 14 ކޭސް ފެނިފައިވާ އިރު ބިޔާދޫ އައިލެންޑް ރިސޯޓުން ވަނީ 53 ކޭސް ފެނިފައެވެ. އަދި ސަން ސިޔާމް އޮޅުވެލި ރިސޯޓުން މިހާރު ޖުމްލަ ކޭސް 26 އަށް އަރާފައިވާ އިރު، އޮބްލޫ ސަންގެލި ރިސޯޓުން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 42 އަށް އަރާފައެވެ.