ގއ. ދެއަވަދޫން އިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ އިރު އެ ރަށުގައި މިހާރު ހުރި ކޭސްތަކުގެ ޖުމްލަ އަދަދު 30 އަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، އެ ރަށުން ރޭ 2 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 4 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުން ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ 2 މީހަކު ހިމެނޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ރަށުން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން 65 އަހަރުން މަތީގެ 4 މީހަކަށް އެބަ ތިއްބެއެވެ. އޭގެތެރެއިން އެކަކަށް ދަނީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި 4 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.
އެ ރަށުން ފެނުނު ކޭސްތަކުގެ ތެރޭގައި 12 އަހަރުން ދަށުގެ 4 ކުޑަކުދިން ހިމެނޭ އިރު މީގެ ތެރޭގައި 4 މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ. ނަމަވެސް މިހާރު އެ ތުއްތު ކުއްޖާ ވަނިން ބަލިން ފަސޭހާ ވެފައި ކަމަށް ތައުފީގް ވިދާޅުވިއެވެ. 4 މަހުގެ ތުއްތު ކުއްޖާ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 24 ގައި ކަމަށާއި އެ ކުއްޖާ އަކީ ފުރަބަންދުގައި ތިބި ތިން މީހަކު އެ ރަށުން ޕޮޒިޓިވްވެފައި ވާ އިރު އެ ކޭސްތަކުގެ ތެރޭގައި ހިމެނޭ ކޭސްއެއް ކަމަށް ތައުފީގް ވިދާޅުވިއެވެ. އޭރު ފުރަބަންދުގައި ތިއްބާ ޕޮޒިޓިވްވި 3 މީހުން ވެސް މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ދެއްވަދޫގެ ހާލަތު ހިއްސާ ކުރައްވަމުން ތައުފީގް ވިދާޅުވީ އެ ރަށުގެ ތިން ބައިކުޅަ އެއްބައި ގެތައް ހުރީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އެ ގޮތުން މިހާރު 56 ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު މިހާތަނަށް 300 އަށް ވުރެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ.
ދެއްވަދޫ ކޭސް އާ ގުޅުން ހުރި 2 ކޭސް އެއް ހުޅުމާލެއިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު ދެއްވަދޫގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ހަަމައެއާއެކު ދެއްވަދޫން ފެނިގެން އުޅެނީ، ކޮވިޑްގެ އާ ސްޓްރެއިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ޔަގީނެއް ނުވެއެވެ.