ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް، ހ. ފޭވާ، ސަފިއްޔާ މުހައްމަދު ސައީދު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް ސަފިއްޔާ އައްޔަން ކުރައްވާފައި ވަނީ މިއަދެވެ. ސަފިއްޔާ މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ސަފިއްޔާ މުހައްމަދު ސައީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގްހަމްއިން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައެވެ. އަދި ސަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީއިން ބެޗެލާ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ވެސް ހާސިލު ކުރައްވާފައެވެ.

ހެލްތް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރައްވާފައިވާއިރު، ހެލްތް މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ބަދަލު ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެ މިިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަދަލު ކުރަމުން ދަނީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ދާދި ފަހުން ހެލްތް މިނިސްޓްރީގެ މިނިސްޓަރު ކަމަށް އަހްމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރައްވާފައި ވާއިރު، ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ހާލިދާ އަދި ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް ވެސް ވަނީ އައްޔަން ކުރައްވާފައެވެ.