މިމަހުގެ 9 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރު ކުރި މީހުން ހޯދުމަށް އެޗްއީއޯސީ އިން މަސައްކަތް ފަށައިފިއެވެ.

އެޗްއީއޯސީން ވަނީ "ކޮއިމަލާ 4" އިން ދަތުރު ކުރި މީހުން އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އަންގައި ދިނުމަށް އެދިފައެވެ. އަދި މިމަހު 23 ވަންދެން އެމީހުން ކަރަންޓީނު ވެގެން ތިބުމަށް އެޗްއީއޯސީން ވަނީ އަންގާފައެވެ.

މިއީ މިއަދު އެއަތޮޅު ދާންދޫ އިން ފެނުނު ޕޮޒިޓިވް ކޭސްއާއި ގުޅިގެން އަންގާ އެންގުމެއް ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މިކަމުގެ އިތުރު ތަފްސީލު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

ގ އަތޮޅުފެރީން ދަތުރު ކުރި މީހުން ހޯދުމަށް އެޗްއީއޯސީން އިއުލާން ކޮށްފައިވައިރު، އެ އަތޮޅުގައި ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުން ސުރެ އެ އަތޮޅު ދެއްވަދޫގައި ބަލި ފެތުރޭކަމަށް އެޗްއީއޯސީން ލަފާ ކޮށްފައިވާއިރު، ދެއްވަދޫގެ ހާލަތާ ގުޅިގެން މިހާތަނަށް ވަނީ އެރަށުގެ އިތުރުން 4 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ލ. ގަމާއި، ލ. ފޮނަދޫގެ އިތުރުން ގއ. ވިލިގިލި އަދި ގއ. ދާންދުއެވެ.

މޮނިޓަރިންގެ ހާލަތުގައި ތިބި ރަށްތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރު ވަމުންނެވެ. އަދި ރެންޑަމް ސާމްޕަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ދެވަދޫގައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 61 ގެއެއް ކަރަންޓީނު ކޮށްފައެވެ.

މީގެ އިތުރުން ދެއްވަދޫ ކޭސް އާ ގުޅުން ހުރި 2 ކޭސް އެއް ހުޅުމާލެއިން ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ދެއްވަދޫގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ހަަމައެއާއެކު ދެއްވަދޫން ފެނިގެން އުޅެނީ، ކޮވިޑްގެ އާ ސްޓްރެއިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ޔަގީނެއް ނުވެއެވެ.