ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ޗައިނާއިން، 8 މަސް ދުވަހަށް ފަހު އަނެއްކާވެސް މަރުގެ ކޭހެއް ރިޕޯޓް ކޮށްފިއެވެ.

ޖުލައި މަހުން ފެށިގެން ނުދާހާ މައްޗަށް އެގައުމުގެ ޕޮޒިޓިވް ކޭސް ނަމްބަރު މައްޗަށް ގޮސްފައި ވާ ކަމަށް ޗައިނާގެ ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މިދަނޑިވަޅުގައި، މި ބަލީގައި އެގައުމުން މީހަކު މަރުވި ކަމަށް އެންމެ ފަހުން ރިޕޯޓް ކުރީ މީގެ 242 ދުވަސް ކުރިންނެވެ.

ބުދަ ދުވަހު ޗައިނާއިން މަރުގެ ކޭސް ރެކޯޑް ކުރީ ހެއިބޭ ޕްރޮވިންސުންނެވެ. މި ސަރަހައްދަކީ ޗައިނާއަށް މި ދުވަސްވަރު ކުރިމަތިލާން ޖެހިފައިވާ އައުޓްބްރޭކްގެ މަރުކަޒެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ވަނީ، ބުދަ ދުވަހު 138 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައެވެ. މީގެ ތެރޭގައި އިމްޕޯޓްވި 14 ކޭހެއް ހިމެނެއެވެ. ޗައިނާ ތެރޭގައި ހިނގާފައިވާ 124 ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން 81 ކޭސް ނިސްބަތްވަނީ ހެއިބޭ ޕްރޮވިންސަށެވެ.

ބުދަ ދުވަހު އެސިމްޓޮމެޓިކް (ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތް ނުފެންނަ) ކޭހުގެ ގޮތުގައި 78 ކޭހެއް، އެންއެޗްސީއިން ވަނީ ރެކޯޑް ކޮށްފައެވެ. ގައުމީ ރަސްމީ ތަފާސް ހިސާބުތަކުގައި ޗައިނާއިން، އެސިމްޓޮމެޓިކް ކޭސްތަކެއް ނުގުނައެވެ.