މިދިޔަ ޖޫން މަސް ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާން ފިޔަވައި ދެން ތިބި ދެ މީހުންނަށް ދައުވާ ނުކުރުމަށް ނިންމައިފިއެވެ.

އެ ދެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަން ޕީޖީ އޮފީހުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެ އޮފީހުން ބުނީ، އެ ދެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައި ވަނީ ދައުވާ ކުރަން ބޭނުންވާ ވަރަށް ހެކި ނެތިގެން ކަމަށެވެ. އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، އަނބުރާ ފޮނުވާލީ މިމަހު 7 ވަނަ ދުވަހު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު 3 މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އޭރު އެ 3 މީހުންގެ ވަނަވަރު ފުލުހުންނެއް ވެސް ޕީޖީންނެއް ވެސް ހާމައެއް ނުކުރެއެވެ. މިހާރު އޭގެ ތެރެއިން 2 މީހަކަށް ދައުވާ ނުކުރަން ނިންމާ މައްސލަަ އަނބުރާ ފޮނުވާލާފައިވާއިރު އެކެއްގެ މައްޗަށް ވަނީ 3 ދައުވާއެއް އުފުލާފައެވެ.

ދައުވާ އުފުލާފައި ވަނީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށެވެ. ޝާން އަކީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ. ޝާންގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއަކާއި އިތުރު ދެ ދައުވާއެވެ. އެއީ:

  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ (ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން)
  • އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން)
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން) އެވެ.

ޖޫން 26، 2020 ގައި ހިނގި މި މައްސަލާގައި ފުލުހުންގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅެވެ. އަދި ޕީޖީއަށް ހުށަހެޅިތާ އެއް މަސް ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި ހިމެނޭ އެކެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.

ޖޫން 26 ވަނަ ދުވަހު ފަތިހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ފުލުހުން ވަނީ އެދުވަހު ކުށުގެ ވެށިން 2 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ދެ މީހުން ވެސް، ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، 11 މީހެއްގެ ބަޔާން ނަގާ، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދާފައެވެ.