ޕޯސްޓްގެ ޒަރީއާ އިން ރާއްޖެ އެތެރެ ކުރަން އުޅުނު 42،000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ޕޯސްޓްގެ ޒަރީއާ އިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އިއްޔެ ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (Amphetamine) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް އެ ފަރާތުން ބުނެއެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 42,000 ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މަސްރތުވާތަކެތި ހިފަހައްޓަފައިވާ އިރު ދާދި މިދިޔަ ނޮވެމަބރު މަހުގެ 28 ގައި ކަސްޓަމްސް އިން ވަނީ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ބްރެޒިލް މީހަކު ހިފަހައްޓާފައެވެ. 21 އަހަރުގެ އެމީހަގެ ހަށިގަނޑުން އެތަކެތި ނަގާފައިވަނީ ހޮސްޕިޓަލަށް އޭނާ ގެންގޮސް ބޮޑު ކަމު ގޮސްގެންނެވެ. އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 66 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.