މިދިޔަ ޖޫން މަސް ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް 3 ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޖޫން 26، 2020 ދުވަހު ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް ފޮނުވީ މިމަހު 6 ވަނަ ދުވަހު ކަމަށެވެ. އަދި މި ދައުވާތައް ކުރަން ހުށަހަޅާފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ކަމަށް އެ އޮފީހުން ބުނެއެވެ.

ޝާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ:

  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ (ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން)
  • އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން)
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން)

މި މައްސަލާގައި ދައުވާ އުފުލާފައިވާ ޝާން އަކީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.

ޖޫން 26، 2020 ގައި ހިނގި މި މައްސަލާގައި ފުލުހުންގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅެވެ. އަދި ޕީޖީއަށް ހުށަހެޅިތާ އެއް މަސް ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި ދައުވާ އުފުލާފައެވެ.

ޖޫން 26 ވަނަ ދުވަހު ފަތިހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ފުލުހުން ވަނީ އެދުވަހު ކުށުގެ ވެށިން 2 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ދެ މީހުން ވެސް، ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، 11 މީހެއްގެ ބަޔާން ނަގާ، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދާފައެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ބެލުން ލަސް ވަމުން ދާތީ އެކަމާ ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އަދި މިކަމުގައި ތުހުމަތު ކުރެވެނީ ސަރުކާރުގެ އިސްފަރާތަކާ ގުޅުން އޮތް ބަޔަކަށް ވާތީ، ސަރުކާރުން އެމީހން ހިމާޔަތް ކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް، މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވެސް އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން، މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވާހަކަ ދެކެވެނީ އެކަން ހިނގައި ދިޔަ ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށާއި ހަގީގަތުގައި އެރޭ ސަފާރީގައި ހިނގައި ދިޔައީ ވަރަށް ކުޑަ ކަމެއްކަމަށާ އަދި އެއީ އާންމު ކޮންމެ ތަނެއްގައި ވެސް ހިނގައިފާނޭ ފަދަ ކަމެއް ކަމަށެވެ.