ފުވައްމުލައް ސިޓީގައި މޫދަން އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރަނިކޮށް މޫދު އަޑީގައި ފަރުގައި ތާށިވެ މަރުވި އަހްމަދު ފައުޒާންގެ ހަނދާން އާ ކުރުމަށް ސްކޫލުތަކުގައި 1 މިނިޓުގެ ސުކޫތެއް މިއަދު ގެނެސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ހޮނިހިރު ދުވަހު މަރުވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒަންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ސުކޫތެއް ގެނެސްފައި ވާ ކަމަށެވެ. ފައުޒާން ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާއިލާއަށް ތައުޒިޔާ ވެސް ފޮނުވާފައެވެ.

ފައުޒާންގެ ހިތްވަރާއި އިންސާނިއްޔަތު ކަމަށް ގައުމުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި މަތީ ފަންތީގެ އެތައް ބަޔަކު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި އެ ހާދިސާގައި އޭނާ މަރުވުމުގެ ދެ ދުވަސް ކުރިން ފޭސްބުކްގައި އެދުނު ފަދައިން އޭނާއަށް މުޅި ގައުމުގެ ހެޔޮ ދުއާ މިއަދު ދަނީ ލިބެމުންނެވެ.

އެގޮތުން، ރައީސް ސޯލިހް ވިދާޅުވީ ފައުޒާން ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާ ދައްކުވައި ދީފައި ކަމަށެވެ. އަދި އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވައިލާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.

ނައިބު ރައީސް ފައިސަލް ވެސް ވަނީ ފައުޒާނަށް ތައުރީފު ކުރައްވާ، މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަހްމަދު ފައުޒާން އެންމެފަހު ވަގުތު ވެސް ދައްކުވައި ދިނީ، ތިމާގެ އަމިއްލަ ނަފުސަށް ވުރެ އެނެކާ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރު ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ފުވައްމުލަކު މާނޭރެ މޫދުގައި މަރުވި ފައުޒާން އަކީ ގްރޭޑް 10ގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.