އިދިކޮޅު ޕީޕީއެމް ޕީއެންސީން ޖެންޑާ މިނިސްޓްރީ ހުންނަ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދަނިކޮށް، 5 މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅުން ބުނީ، އެ އިހުތިޖާޖު ކުރަމުން ދަނީ އޮކްޓޯބަރު 19ގައި ޖެންޑާ މިނިސްޓަރާ ބައްދަލު ކުރުމަށް އެދި، ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީއާއި ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ނުލިބޭތީ ކަމަށެވެ. އެހެންކަމުން އެ ފަދަ މައްސަތަކަށް އިންސާފު ހޯދުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީ ކުރަނީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

ނަމަވެސް އިހުތިޖާޖުގެ ތެރެއިން ވަނީ 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ގިން މައްސަލަތަކެއް ފެންމަތިވެ، ރައްޔިތުން ތަފާފު ޕްލެޓްފޯމް ތަކުގައި އެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކަން އޮއްބާލާ ބީރު ކަންފަތެއް ދެމުންދާތީ، ޕީޕީއެމް ޕީއެންސީގެ ކަނބަލުންގެ އިސްނެގުމުގެ މަތިން ޖެންޑާ މިނިސްޓްރީ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖެއް ކުރަމުން ދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު އިހުތިޖާޖުން މިއަދު 5 މީހަކު ހައްޔަރު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި އިހުތިޖާޖުކޮށްގެން ވެސް ވަނީ 6 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކު އެ ދުވަހު ދޫކޮށްލާފައި ވައިރު، ދެން ތިބި 5 މީހުން ދޫކޮށްލީ ޖެހިގެން އައި ދުވަހެވެ.