ލ. ގަމާއި ލ. ފޮނަދޫ އަށް ދަތުރު ކުރެވެން އޮންނަ ލިންކްރޯޑާއި ދެރަށުގެ ބަނދަރު ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

ފުލުހުން ބުނީ މިމަހު ނުވަ ވަނަ ދުވަހު ލ. ގަމާއި ލ. ފޮނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައި ވާތީ އެއްގަމު މަގުން ދެރަށުގެ ދެމެދުގައި ދަތުރު ކުރެވެން އޮންނަ ލިންކްރޯޑާއި ދެރަށުގެ ބަނދަރު ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.

ފޮނަދޫއާއި ގަން މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފައި ވާ ކަމަށާއި އެއީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެމީހުން ކޮވިޑް-19 ޓެސްޓު ހަދާފައި ވަނީ ބަލީގެ އަލާމާތްތައް ފެނުމުން ކަމަށާއި އަދި ޕީސީއާރް ޓެސްޓު ހެދުމުން ނަތީޖާ ޕޮޒިޓިވް ވެފައި ވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އަދި އެ މަސައްކަތް ނިމެންދެން ލ. ފޮނަދޫ އާއި ލ. ގަން މޮނިޓަރިން އަށް ލައިފައި ކަމަށް އެޗްއީއޯސީން ބުނެއެވެ.

ލ. ފޮނަދޫ އާއި އެ ރަށާ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައި ވާ އިރު މިހާރު ކޮވިޑް ބަލިމަޑުކަން ފެނި ކޮންޓެކްޓް ޓްރޭސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާތީ ގއ. ދެއްވަދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ.

ދެއްވަދޫ އިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ދެވަނަ ކޭސް މިމަހު ހައެއްގައި ފެނުނު އިރު، މިމަހު ހަތެއްގައި މި ކޭސްތަކާ ގުޅިގެން ހަ މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

އޭގެ އިތުރުން މިމަހު ނުވަ ވަނަ ދުވަހު ފަސް މީހަކު ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ ވަނީ ނުވަ މީހަކު ޕޮޒިޓިވް ވެފައެވެ. މިހާތަނަށް 22 މީހުން ވަނީ މި ކްލާސްޓާ އާ ގުޅިގެން ޕޮޒިޓިވް ވެފައެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު އެ ރަށުން އެހެން ރަށްރަށަށް، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު ދަތުރު ކުރި މީހުންވެސް ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.