ގއ. ދެއްވަދޫ ކްލާސްޓާ އާ ގުޅުން ހުރި 2 ކޭސް ހުޅުމާލޭގައި އެބަހުރި ކަމަށް އެޗްއޯސީން ބުނެފިއެވެ.
ނިޒާމް ވިދާޅުވީ މި ކްލާސްޓާ އާ ގުޅުން ހުރި ދެ ކޭސް ހުޅުމާލޭއިން ފެނިފައިވާ ކަމަށާއި ލ. ފޮނަދޫ އިން ވެސް ގއ. ދެއްވަދޫ ކޭސްއާ ގުޅުން ހުރި ހަތަރު ކޭސް ފެނިފައިވާ ކަމަށެވެ. ލ. ފޮނަދޫ އިން ފެނުނު ކޭސް އާ ގުޅިގެން 59 ކްންޓެކްޓުން ފެނިފައި ވާއިރު އޭގެ ތެރެއިން 10 މީހުންނަކީ ހައި ރިސްކު މީހުން ކަމަށް ނިޒާމް ވިދާޅުވިއެވެ. އަދި އަށް މީހެއްގެ ފަރާތުން އަލާމަތް ފެނިފައިވާ ކަމަށް ނިޒާމް ވިދާޅުވިއެވެ.
ގއ. ދެއްވަދޫއާ ގުޅުން ހުރި 2 ކޭސް ހުޅުމާލެއިން ފެނުނު އިރު، އެމީހުން ހުޅުމާލޭގައި ހަރަކާތްތެރިވެފައިވާ ގޮތެއް އަދި ކޮންޓެކްޓް ވި މީހުންގެ އަދަދެއް އެޗްއީއޯސީއަކުން ހާމައެއް ނުކުރެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލާސްޓާ އިބްރާހިމް ނިޒާމް ވިދާޅުވީ ދެއްވަދޫ އިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. ދެވަނަ ކޭސް މިމަހު ހައެއްގައި ފެނުނު އިރު، މިމަހު ހަތެއްގައި މި ކޭސްތަކާ ގުޅިގެން ހަ މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
އޭގެ އިތުރުން މިމަހު ނުވަ ވަނަ ދުވަހު ފަސް މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއަދު ނުވަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ނިޒާމް ވިދާޅުވިއެވެ. ނިޒާމް ވިދާޅުވީ މިހާތަނަށް 22 މީހުން ވަނީ މި ކްލާސްޓާ އާ ގުޅިގެން ޕޮޒިޓިވް ވެފައި ކަމަށެވެ.
ދެއްވަދޫ ކްލާސްޓާ އާ ގުޅިގެން މިހާތަނަށް 140 ކޮންޓެކްޓުން ފާހަގަ ކުރެވިފައި ވާއިރު އޭގެ ތެރެއިން 40 މީހުންނަކީ ހައި ރިސްކު މީހުން ކަމަށް ނިޒާމް ވިދާޅުވިއެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު އެ ރަށުން އެހެން ރަށްރަށަށް، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު ދަތުރު ކުރި މީހުންވެސް ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެއާއެކު ޑިސެމްބަރު 25 ގެ ފަހުން ގއ. ދެއްވަދޫ އިން ދަތުރު ކޮށްފައި އެހެން ރަށަކަށް ދިޔަ ފަރާތެއް ނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫ އިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި ކަރަންޓީނު ނިމުމަށް ފަހު ޓެސްޓްކޮށް ނަތީޖާ ލިބެން ދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.