ލ. ފޮނަދޫ އާއި ލ. ގަން މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިއެވެ.

ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ލ. ފޮނަދޫއާއި ގަން މޮނިޓަރިން ހާލަތަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ ގ.އ ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އެމީހުން ކޮވިޑް-19 ޓެސްޓު ހަދާފައި ވަނީ ބަލީގެ އަލާމާތްތައް ފެނުމުން ކަމަށާއި އަދި ޕީސީއާރް ޓެސްޓު ހެދުމުން ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި އެ މަސައްކަތް ނިމެންދެން ލ. ފޮނަދޫ އާއި ލ. ގަން މޮނިޓަރިންއަށް ލެވިފައި ކަމަށް އެޗްއީއޯސީން ބުނެއެވެ.

ލ. ފޮނަދޫ އާއި އެ ރަށް ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު މިހާރު ކޮވިޑް ބަލިމަޑުކަން ފެނި ކޮންޓެކްޓް ޓްރޭސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާތީ ގއ. ދެއްވަދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. ހަމައެއާއެކު ނިޔަމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ރިސޯޓުވެސް ވަނީ ކޮވިޑް ކޭސްތަކެއް ފެނުމާއެކު މޮނިޓަރިންއަށް ބަދަލުކޮށްފައެވެ.

ރާއްޖެއިން މިހާރު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،040 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،279 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 705 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 41 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 49 އަށް ވަނީ އަރާފައެވެ. އެއީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.