ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ގެއްލުނު ފިރިހެން ކުއްޖާ މަރުވެއްޖެއެވެ.
މިއަދު ހަވީރު ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައި ވަނީ ގްރޭޑް 10ގައި ކިޔަވަމުންދާ އަހްމަދު ފައުޒާން ހަސަން ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. މިއަދު ހަވީރު އެ ކުއްޖާ މޫދަށް އެރިފައި ވަނީ އެކުގައި މޫދަށް ދިޔަ އަންހެން ކުއްޖަކު އޮޔާ ދަމައިގަތުމުން، އެ ކުއްޖާ ސަލާމަތް ކުރުމަށެވެ.
އެވަގުތު މޫދު ސަރަހައްދުގައި ތިބި މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، އެ ކުދިން އޮޔާ ދަމައިގެންފައި ވަނީ ކުއްލިއަކަށެވެ. ކުއްލިއަކަށް ރާޅު ބޮޑުވެ، އޮއި ގަދަވި ވަގުތު ފައުޒާން މޫދަށް ފުންމާލީ އޮޔާ ދަމައިގަތް އަންހެން ކުއްޖާ ސަލާމަތް ކުރުމަށެވެ. އަންހެން ކުއްޖާ ސަލާމަތް ކޮށް، ފަރު މައްޗަށް އެރުވުމަށްފަހު ފައުޒާން ގެއްލުނެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ގަޑިއެއްހާއިރު ފަހުން މޫދު އަޑިންނެވެ.
ފައުޒާން ފެނުނީ އޭނާ މޫދަށް ފުންމާލި ދިމާ މޫދު އަޑީގައި ފަރުގައި ތާށިވެފައި އޮއްވައެވެ. އޭނާ މޫދުން ނަގައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ސަލާމަތް ކުރުމަށް ސީޕީއާރް ދެމުން ދިޔަ ކަމަށް ވެސް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ. ޑޮކްޓަރުން މިހާރު ވަނީ ފައުޒާންގެ މަރު ކަށަވަރު ކޮށްދީފައެވެ.
މި ހާދިސާ ހިނގި ސަރަހައްދު މޫދު ހަވީރު ވަގުތު އާންމުގޮތެއްގައި އޮންނަނީ ފަރު ހިކިފައެވެ. ނަމަވެސް ކުރިން ބޯޓު ފަހަރު ވަނދެ ނިކުތުމަށް އެ ސަރަހައްދުގައި ނެރެއް ކަނޑާފައި އޮންނާތީ، މީހުންނަށް މޫދަށް އެރި އުޅެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ކުއްލިއަކަށް ރާޅު ބޮޑުވެ އޮއި ގަދަވެފައި ވީ ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން އާދައިގެ ވަރަކަށް ކަނޑު މަޑުވިއެވެ.
"ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ގެއްލުނު ފިރިހެން ކުއްޖާ މަރުވެއްޖެއެވެ" ވޓފ؟