އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި 241 ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނުގެ ދަށުން މެނުވީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ނަމަ، ފުލުހުންގެ ވަޒީފާއިން ވަކިކުރާމީހުންނާއި، ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި ޝަރަފުވެރިކަމާއެކު ވަކިވެވިދާނެ ކަމަށެވެ. މިފަދަ މީހުންނަށް ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވެވޭނީ އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތީސްއެވެ.

ފުލުހުންގެ ގާނޫނު މަޖިލީހުން ފާސް ކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު 27 ގައެވެ. އެ ގާނޫނު މިހާރު ގެޒެޓުގައު ޝާއިއު ކޮށްފައިވީ ނަމަވެސް ގާނޫނަށް އަމަލު ކުރަން ފަށާނީ ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާތާ 3 މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެއީ މާޗް 27 އެވެ.