އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ދަށުވެ އަނިޔާވި މީހާގެ ކަށިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް އައޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ޕެލެޓް ދަށުގައި ތާށިވެ އަނިޔާ ލިބުނު މީހާއަށް އެކަނި ކަމަށާއި ދެން އަނިޔާވި މީހާ ފަރުވާއަށް ފަހު ދޫކޮށްލާފައި ވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުންދާ މީހާގެ ހަށިގަނޑުގައި ފްރެކްޗާތަކެއް ހުރި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނީ އީއެންޓީ ވޯޑުގައި އެޑްމިޓް ކޮށްގެން ކަމަށެވެ. އަދި މިހާރު އޭނާގެ ހާލަތު ކިހިނެތްތޯއާއި ރަނގަޅު ވަމުން އާދޭތޯ ކުރި ސުވާލަށް މީޑިއާ އޮފިޝަލް ޖަވާބެއް ނުދެއްވައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާއިން އާންމު ވެފައިވާ ފޮޓޯތަކަށް ބަލާއިރު، ބިއްލޫރި ޕެލެޓް ދަށުވެ ތާށިވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން އެނގެއެވެ. ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އޭނާ ތާށީވެފައި އޮތް އިރު، ބިއްލޫރިތައް ހުރީ އޭނާގެ މޭކަށިގަނޑު މަތީއެވެ. އަދި އޭނާގެ އެއް އަތް ބިއްލޫރިތައް މަތީ އޮތް އިރު، އެ އަތަށް ވެސް ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.

އެރޭ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ ޖުމްލަ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކަށް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ވި އިރު ދެން ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. ޕެލެޓް ދަށުގައި ތާށީވީ، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުން ދިޔަ މަޖޫރީ އަށެވެ.

ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މި ހާދިސާ ތަހުގީގު ކޮށް މި ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތް ތަކެއް ކުރާ ތަނަކަށް ވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ.