ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު، އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކަތައް ފުލުހުން ދޮގު ކުރުމާއެކު، ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހުމަދު ކަންބޮޑުވެއްޖެއެވެ.

އަނީސާ ވިދާޅުވީ، ރާއްޖޭގެ ގާނޫނު ބުނާގޮތުން ޖިންސީ ކުށަކީ ހަމައެކަނި ރޭޕް ނޫން ކަމަށާއި، ނުގަބޫލުގައި މީހެއް ގައިގައި އެފަދަ ގޮތަކަށް އަތް ލުމަކީ ވެސް ކުށެއް ކަމަށެވެ. އަދި އެ ކުށަށް ހިތްވަރު ދިނީތީ ރިސޯޓުގެ މެނޭޖްމަންޓަށް ފިޔަވަޅު އަޅާ، ދައުވާ އުފުލަން ނުޖެހޭނެތޯ އަނީސާ ވަނީ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު ރޭޕް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެމީހާ ރޭޕް ކޮށްފައި ވަނީ އެ ރިސޯޓަށް ވަޒީފާގެ ތަމްރީނު ހޯދަން ދިޔަ އުމުރުން 19 އަހަރުގެ އަންހެން ކަމަށް އަޑުތައް ވަނީ އަރާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިތޯ މިމަހު ތިން ވަނަ ދުވަހު ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ އަނެއް ދުވަހު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މީޑިއާ އަކުން އެފަދަ ކަމެއް ރިޕޯޓު ކޮށްފައި ވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ދާ ކަމަށެވެ.

އެގޮތުން ފުލުހުން ރޭ މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ރޭޕް ކުރުމުގެ އަމަލެއް ހިނގާފައި ވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެރިސޯޓުގައި އިންޓާންޝިޕް ހަދަމުން ދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައި ވާ ކަމަށް އެއަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.