ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނިމި ދިޔަ 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 12.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ދައުލަތުގެ ބަޖެޓް ޑެފިސިޓް 12.8 ބިލިއަނަށް އަރާފައި ވާއިރު، މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަށް ލިބިފައި ވަނީ 14.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 10.6 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ހޯދި ފައިސާއެެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި، 3.1 ބިލިއަން ރުފިޔާ ހޯދާފައި ވާއިރު، އޭގެ ތެރޭގައި ޖޫރިމަނާ ކޮށްގެން ހޯދި 146 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 853 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ ވެސް މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ ތެރޭގައި ހިމެނެއެވެ.
މި އާމްދަނީ އިން، ވަނީ ސަބްސިޑަރީ ލޯނު ދެއްކުމަށް 183 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.
މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 9.3 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 185.5 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 6.9 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 1 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
އާމްދަނީއަށް 14.5 ބިލިއަން ލިބުނުއިރު، 27.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ބަޖެޑް ޑެފިސިޓްގެ ގޮތުގައި 12.8 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ހަފްތާ (ޑިސެމްބަރު 27 އިން 31 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ހަރަދުކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ދައުލަތަށް ފައިދާއެއް ވެސް ގެއްލުމެއް ވެސް ނުކުރެއެވެ.