ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު، އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެހި އަންހެނަކު ރޭޕް ނުކުރާ ކަމަށާއި އެމީހާ އުޅުނީ އަންހެން މީހަގެ ނުގަބޫލުގައި އަތްލާން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވާފައި ވާ ކަމަށާއި ރޭޕް ކުރުމުގެ އަމަލެއް ހިނގާފައި ވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

ނަމަވެސް އެރިސޯޓުގައި އިންޓާންޝިޕް ހަދަމުން ދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައި ވާ ކަމަށް އެއަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓް ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބުނު އިރު ތުހުމަތު ކުރެވޭ ފިރިހެން މީހާ ވަނީ ދިވެހިރާއްޖެއިން ފުރާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޖިންސީ ކުށުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާ ލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ހަބަރުތައް ގެނެސް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު ރޭޕް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެމީހާ ރޭޕް ކޮށްފައި ވަނީ އެ ރިސޯޓަށް ވަޒީފާގެ ތަމްރީނު ހޯދަން ދިޔަ އުމުރުން 19 އަހަރުގެ އަންހެން ކަމަށް އަޑުތައް ވަނީ އަރާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިތޯ މިމަހު ތިން ވަނަ ދުވަހު ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް އޭގެ އަނެއް ދުވަހު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މީޑިއާ އަކުން އެފަދަ ކަމެއް ރިޕޯޓު ކޮށްފައި ވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ދާ ކަމަށެވެ.