ވެމްކޯ އިން މާލޭގެ ގޭބިސީތަކަށް ފޯރުކޮށް ދެމުންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. މިއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުނި ނެރޭ ގަޑި ބަދަލު ވާނެއެވެ.
އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިމަހު 10 ވާ އާދިއްތަ ދުވަހުން ފެށިގެން ވެމްކޯގެ ހައުސްހޯލްޑް ޔުނިޓްއިން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރެން ޖެހެނީ ރޭގަނޑު 10:00 އިން 00:00 އަށް ކަމަށެވެ.
މި ގަޑީގައި ކުނި ނެރެން ޖެހެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ.
ކުނި ނަގާ ގަޑިއަށް ބަދަލު ގެނަޔަސް، ވެމްކޯއިން ހިދުމަތްތައް ފޯރުކޮށް ދޭނީ ކުރިއެކޭ ވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިންނެވެ. ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ. މީގެ އިތުރުން ކަނޑައަޅާފައިވާ ވަގުތުގެ ބޭރުން ވަގުތެއްގައި ކުނި ނެރުމަކީ މާނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފައިވާ ވަގުތުގެ ބޭރުން މަގުތަކަށް ކުނި ނެރޭނަމަ، މަގުތައް ގޮނޑުވުމުގެ މައްސަލައަށް އެދެވިގެންވާ ފަދަ ހައްލެއް ނުލިބޭނެ ކަން ފާހަގަ ކޮށްފައެވެ.
ވެމްކޯއިން ބުނީ ކުނި ނެގުމުގެ ހިދުމަތް މިވަގުތު ފޯރުކޮށް ދެމުންދާ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއް ކަމަށެވެ. އަދި ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ ފާހަގަކުރެވިފައި ވާ ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ.
ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުރަމާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއުގެ ވަގުތަށް ގެނައި ބަދަލަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުމަށް މަޝްވަރާ ކުރަމުން ދިއުމާއި ސްކޫލްތައް ހުޅުވުމަށް ނިންމާފައި ވުމާއެކު ކަމަށް ވެމްކޯއިން ބުނެއެވެ.
ހަމައެއާއެކު ސަރުކާރުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރި ގޮތުގައި ކުނި ބަންދު ކުރުމަށާއި އަންގާފައިވާ ވަގުތުގައި ކުނި ބަންދު ކޮށްފައި ނެރުމަށް ވެމްކޯ އިން ވަނީ އެދިފައެވެ. ވެމްކޯއިން ވަނީ މާލެ ސަރަހައްދުގެ ރައްޔިތުން އެ ކޯޕަރޭޝަންގެ ކުނި ނެގުމުގެ ހިދުމަތައް ރަޖިސްޓާ ވުމަށް އިލްތިމާސް ކޮށްފައެވެ.
ހަމަ150ރުފިޔާ ނަގަނީ ގުރައުންޑަ ބޭލިޔަސް 150ރުފިޔާ