މިއަދު ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން އެއްވެ ކުރި އިހުތީޖާޖުގެ ތެރެއިން ހައްޔަރު ކުރި 5 މީހުން ދޫނިދުއަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ޕީޕީއެމްގެ 3 ކައުންސިލް މެންބަރަކާއި 3 ސަޕޯޓަރުން ހިމެނޭހެން ޖުމްލަ 6 މީހުން އިހުތިޖާޖުން ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ކައުންސިލް މެންބަރު އަހްމަދު ނަރީޝް މިހާރު ދޫކޮށްލާފައި ވާއިރު، ދެން ތިބި 5 މީހުން ދޫނިދުއަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ފުލުހުންގެ ބަންދުގައި ތިބީ، ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ކައުންސިލް މެމްބަރު ސޫދާ އަބްދުﷲގެ އިތުރުން ޕީޕީއެމްގެ 3 ސަޕޯޓަރުންނެވެ. އެ 3 ސަޕޯޓަރުންނަކީ ވެސް ފިރިހެން ސަޕޯޓަރުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އިހުތިޖަޖުން ހައްޔަރު ކުރި މީހުން ފުލުހުންގެ ބަންދުން ދޫކޮށް ނުލާ ކަމަށާއި އެމީހުން ބައިތިއްބާނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. އަދި އެ މީހުން ބައިތިއްބަނީ ދޫނިދޫގައި ތޯ ނުވަތަ އެހެން ތަނެއްގައި ތޯ ހާމަ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން އިހުތިޖާޖެއް ކޮށްފައި ވަނީ މިއަދު އެ ކޯޓްގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ދިމާކޮށެވެ. މި އިހުތިޖާޖުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލަމުންނެވެ. މި އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ކްރިމިނަލް ކޯޓްގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.