މިއަދު ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން އެއްވެ ކުރި އިހުތީޖާޖުގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން އިހުތިޖާޖެއް ކުރަމުން ދަނީ މިއަދު އެ ކޯޓްގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ދިމާކޮށެވެ. އެ އިހުތިޖާޖުން ހައްޔަރުކޮށްފައި ވަނީ 3 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިކަން ފުލުހުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މި އިހުތިޖާޖުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލަމުންނެވެ. މި އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ވެސް ހިމެނެއެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކްރިމިނަލް ކޯޓް ސަރަހައްދުގައު ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިދިކޮޅު ސަޕޯޓަރުން ކޯޓާ ކައިރިވުމުގެ ފުރުސަތު ނުދީ، ބެރިކޭޑް ޖަހާ، އެ ސަރަހައްދު ބަންދުކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ކްރިމިނަލް ކޯޓްގައި މިއަދު ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.