ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިމަހު 13 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ.

ދައުރުން ބޭރުގައި ބާއްވަން އެޖެންޑާ ކުރި މި ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނީ ހުރަސްތަކެއް ހުރުމުގެ ސަބަބުން، ގާނޫނަށް އިސްލާހެއް ގެނައުމުގެ ގޮތުން ބާއްވަން ނިންމާފައިވާ ޖަލްސާއެކެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި އެކަމެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ ސަރުކަރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ 7 ވަނަ މާއްދާ ކަމަށް ވާ އިންތިހާބުގެ ކަންކަން އަލުން ފެށުމާއި އިންތިހާބާ ގުޅޭ ގޮތުން އަމަލު ކުރާނެ ހާއްސަ އުސޫލަށް އިސްލާހެއް ވަނީ ހުށަހަޅާފައި ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ. އެގޮތުން ފަސްކުރެވިފައިވާ އިންތިހާބު އަލުން ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަންޖެހޭ މަސައްކަތްތައް އެ ގާނޫނަށް އިސްލާހު ގެނައުމުގެ އަމަލުކުރަން ފަށާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އަލުން ފަށަން ވާނެ ކަމަށް އެ ގާނޫނަށް ގެންނަ ހުށަހަޅާފައިވާ އިސްލާހުގައި ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސިފަ ކުރައްވާފައެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ތަކެއް ގެންނަން ޖެހޭތީ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ ވިދާޅުވެފައެވެ. މިކަން ކުރުމަށްޓަކައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ޝަރީފު ވިދާޅުވެފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗު މަހު އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ނުބޭއްވި ފަސް ކުރީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.