ޝަރުއީ ދާއިރާއިން ކުށުގެ ރެކޯޑު ނުވަތަ ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމަށް ބަދަލު ގެނެސްފިއެވެ.

މި ފޯމަށް ބަދަލު ގެނެސް، އަލަށް ނެރުނު ފޯމު ބަލައިގަންނަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޝަރުއީ ދާއިރާއިން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހެނީ "ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރާ ފޯމު" ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ.

އަދި ޝަރުއީ ދާއިރާގެ ކޯޓުތަކުން ޝަރީއަތުގެ ބޭނުމަށް ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅަން ޖެހެނީ ޝަރީއަތް ކުރުމާއި ބެހޭ "ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42" ގައިވާ ފޯމުން ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމާއި، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42 ގައިވާ ފޯމު ވެސް ޑީޖޭއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ރެކޯޑް ސާފުކުރުމަށް ހުށަހަޅާއިރު ރެކޯޑް ސާފުކުރާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އާއި ދިވެހި ރައްޔިތެއް ނޫންނަމަ، ޕާސްޕޯޓުގެ ސާފު ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި ކުންފުންޏެއްގެ ރެކޯޑު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ސާފު ކޮޕީ، ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރާއި ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ފޯމުގެ ޕީޑީއެފް ކޮޕީ އީމެއިލް ކުރުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ޑީޖޭއޭ އިން ހަމަޖައްސައި ދޭނެއެވެ.

ކުށުގެ ރެކޯޑް ބެލެހެއްޓުމުގެ ކަންކަން މިހާރު ކުރަމުން ދަނީ ޑީޖޭއޭ އިންނެވެ. ކުށުގެ ރެކޯޑް ބެލެހެއްޓުމާ ޑީޖޭއޭ އިން ހަވާލުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް އެޓާނީ ޖެނެރަލް ކަނޑައެޅުއްވުމާ ގުޅިގެންނެވެ.