ގިނަ ބަޔަކު ބައިވެރިވެ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީގެ ޖަނާޒާ ބާއްވައިފިއެވެ.
މުޖުތާޒު އަވަހާރަ ވެފައި ވަނީ ކޮވިޑް-19 ބަލީގައެވެ. ކޮވިޑް ޖެހި، ހާލު ދެރަވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މުޖުތާޒް އަވަހާރަވެފައި ވަނީ ރޭ ދަންވަރު 2:00 ހާއިރެވެ. އަވަހާރަ ވިއިރު އުމުރަކީ 61 އަހަރެވެ.
މުޖުތާޒު އަވަހާރަވީ ކޮވިޑް ބަލީގައި ކަމަށް ވުމުން، އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ ކޮވިޑް ޖެހިގެން ނިޔާވާ މީހުން ވަޅުލުމަށް ހާއްސަ ކޮށްފައި ވާ ހުޅުމާލޭ ސަހަރާގައެވެ. ޖަނާޒާގެ ކަންތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑުގައި ނިޔާވާ މީހުންގެ ޖަނާޒާ ކުރިއަށް ގެންދިއުމާ ބެހޭ އުސޫލުގެ ދަށުންނެވެ.
މުޖުތާޒަށް ކޮވިޑް ޖެހުނުކަން އެނގުނީ، މި މަހުގެ 4 ވަނަ ދުވަހު، ލ. އަތޮޅަށް ކުރެއްވި ޗުއްޓީ ދަތުރެއްގައި އެ އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމަތްތަކެއް ފެނިގެން ޓެސްޓް ކުރުމުން ކަމަށް ވަނީ އެނގިފައެވެ. އާއިލާއާ އެކު ކުރެއްވި އެ ދަތުރުގައި ކޮވިޑަށް ޕޮޒިޓިވް ވުމުން ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް އޭނާ ގެންދިޔައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ގޯސްވެފައި ވަނީ އިއްޔެއެވެ. ނޭވާއަށް އުނދަގޫވެ ހާލު ދެރަވެގެން މުޖުތާޒު މާލެ ގެނެސްފައި ވަނީ ވެންޓިލޭޓަރު ގައެވެ. ނަމަވެސް ފަހުން ވެންޓިލޭޓަރުން ނަގާ ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
މުޖުތާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވީ ސެޕްޓެމްބަރު 18، 2008 އިން ފެށިގެން އޮގަސްޓް 10، 2010 އާ ހަމައަށެވެ. ފަނޑިޔާރު ކަމުން އޭނާ ރިޓަޔާ ކުރެއްވީއެވެ.
މުޖުތާޒު ވަނީ ކުރީގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރެއްވުމުގެ އިތުރުން އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ. އޭނާގެ ދަރިކަލުން އަޒްހާން ފަހުމީ ވަނީ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. މީގެ އިތުރުން މުޖުތާޒަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހުތާޒު ފަހުމީގެ ބޭބެއެވެ.