ކޮވިޑް ބަލިމަޑުކަން ފެތުރުމާ ގުޅިގެން މިދިޔަ އަހަރު ފަސްކުރި އޯ ލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާން މި އަހަރު މޭ އަދި ޖޫން މަހު ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން އިން މިހެން ބުނެފައި ވަނީ މި އިމްތިހާންތައް އިނގިރޭސި ވިލާތުގައި މިއަހަރު މޭ/ޖޫންގައި ނުބާއްވާނެ ކަމަށް ބުނެފައި ވަނިކޮށެވެ. އެޑިއުކޭޝަން އިން ބުނީ، 2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މި އިމްތިހާންތައް މިދިޔަ އަހަރު ނުބާއްވާ ފަސްކޮށްފައި ވާއިރު، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

ނަމަވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި އަލުން މާލޭ ސަރަހައްދުގައި 9، 10، 11، އަދި 12 ގެ ދަރިވަރުންނަށް ސްކޫލް ހުޅުވާލެވުނު އިރު އަތޮޅުތެރޭގައި ގްރޭޑް 1 އިން ފެށިގެން 12 އާ ދެމެދުގެ ހުރިހާ ގްރޭޑްތަކަށް ސްކޫލްގައި ކިޔެވުން ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ކޮވިޑް ހާލަތު ރަނގަޅު ވަމުން އައުމުން މާލެ ސަރަހައްދުގައި ފަހުން ވަނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔެވުން ކުރިއަށް ގެންގޮސްފައެވެ.