ކ. މާފުށީގައި ހުންނަ ޖަލަށް ބަޔަކު ނުވަންނަކަން ޔަގީންވުމުން، ޖަލު އާންމު ހާލަތަށް ގެނެސްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބަލާފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިކަން ކަށަވަރު ކުރެވިފައި ވާތީ މަފުށީ ޖަލު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައި ކަމަށެވެ.
ސީޕީ އަހްމަދު މުހައްމަދު ފުޅު މީގެ ކުރިން ވެސް ވަނީ ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެންގޮސް ބަލަމުންދާ ކަމަށް ވެސް އޭރު އޭނާ ބުނެފައި ވެއެވެ.
މާފުށީ ޖަލު ފަޅާލައި، އެތަނުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 3 މީހަކު ފިލި ކަމަށް ބުނެ ރާއްޖޭގެ މީޑިއާ އަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިއާއެކު، ޖަލުގައި ތިބި ބަންދު މީހުންނާއި ގައިދީން ހަމަތޯ ބެލުމަށް ކަރެކްޝަނާ ގުޅިގެން ފުލުހުން ވަނީ ޖަލުގައި ސާޗް އޮޕަރޭޝަނެއް ހިންގާފައެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ބަންދު މީހުން ނުވަތަ ގައިދީން ފިލާފައިވާ ހާދިސާތައް ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު، ޖަލުތެރެއަށް ވެއްދުން މަނާއެއްޗެހި ވެއްދުމުގެ އެތައް ހާދިސާއެއް ކޮންމެ މަހަކު ވެސް ފެންމަތިވެއެވެ. ހަމަ އެހެންމެ މީހުންގެ އަތުން ފައިސާ ހޯދުމަށް އެކިއެކި ނަންނަމުގައި ގުރުއަތު ދިމާވެގެން ވެސް ޖަލުން ގުޅާކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ހާމަ ކޮށްފައި ވެސް ވެއެވެ.