ކ. މާފުށީގައި ހުންނަ ޖަލު ފަޅާލައި ބަޔަކު މީހުން ފިލައިފައިވާ ކަމަށް ފެތުރޭ ހަބަރު ކަމާ ބެހޭ އިދާރާތަކުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާ ގުޅިގެން ޕްރިޒަންސް އޮފިސަރުންނާއި ފުލުހުން ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. ކަރެކްޝަނާ ހަވާލާދީ ފުލުހުން ބުނީ މާފުށީ ޖަލުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މާފުށީ ޖަލު ފަޅާލައި، އެތަނުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 3 މީހަކު ފިލި ކަމަށް ބުނެ ރާއްޖޭގެ މީޑިއާ އަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ބަންދު މީހުން ނުވަތަ ގައިދީން ފިލާފައިވާ ހާދިސާތައް ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު، ޖަލުތެރެއަށް ވެއްދުން މަނާއެއްޗެހި ވެއްދުމުގެ އެތައް ހާދިސާއެއް ކޮންމެ މަހަކު ވެސް ފެންމަތިވެއެވެ. ހަމަ އެހެންމެ މީހުންގެ އަތުން ފައިސާ ހޯދުމަށް އެކިއެކި ނަންނަމުގައި ގުރުއަތު ދިމާވެގެން ވެސް ޖަލުން ގުޅާކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ހާމަ ކޮށްފައި ވެސް ވެއެވެ.