ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ބައެއް ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދުމަށް ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހާމަ ކުރައްވައިފިއެވެ.

ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020އަށް އިސްލާހު ގެނައުމަށް ކަމާއި ބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށާއި، އެ ބިލު ވީހާ ވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސިފަ ކުރައްވާފައެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ތަކެއް ގެންނަން ޖެހޭތީ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ ވިދާޅުވެފައެވެ. މިކަން ކުރުމަށްޓަކައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ޝަރީފު ވިދާޅުވެފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗު މަހު އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ނުބޭއްވި ފަސް ކުރީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ މިއަދު ހާމަކޮށްފައެވެ.