ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ކުޑަތަން ވެފައި ވަނިކޮށް މާލޭގެ އަވަށެއް ކަމަށްވާ ވިލިމާލޭގައި ހިންގަމުން ދިޔަ ޕްރީ ސްކޫލް އުވާލުމުން އެ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރުންގެ ބެލިވެރިންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވިލިމާލެ ޕްރީ ސްކޫލު (ވީޕީއެސް) ގެ ނަމުގައި ހިންގަމުން ދިޔަ މި ސްކޫލަކީ ވިލިމާލޭގައި ހިންގަމުން ދިޔަ ހަމައެކަނި ޕްރައިވެޓް ޕްރީ ސްކޫލެވެ. މި ގޮތުން އެސްކޫލުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ވެސް ދިޔައީ ކިޔަވައި ދެމުންނެވެ.
"ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ބެލެނިވެރިއަކު ބުނީ، ސްކޫލްގެ މެނޭޖަމްނަޓާއެކު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވުމުން އެ ސްކޫލް ހުރި އިމާރާތުގައި ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.
އެ ބެލެނިވެރިޔާ ބުނީ އެޑިއުކޭޝަނުން ވީޕީއެސްގެ ބެލެވެރިންނާއި ބައްދަލުކޮށް މިއަހަރު އެ މެނޭޖްމަންޓްގެ ދަށުން ނުހިންގޭނެ ކަން އަންގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އަންނަ މާޗް މަހުގެ ތެރޭގައި އާ ޕްރީ ސްކޫލެއް ހުޅުވޭނެ ކަމަށާއި ނިމިގެން ދިޔަ އަހަރު ވީޕީއެސްގެ އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވަމުން ދިޔަ ދަރިވަރުން ވިލިމާލޭގައި ސަރުކާރުން ހިންގާ މުހްޔިއްދީން ސްކޫލަށް ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާ ކަމަށް ވެސް ބެލެނިވެރިޔާ ހިއްސާކުރިއެވެ.
އެ ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް ލިބިފައިވަނީ މަދު ދުވަސްކޮޅެއް ކަމުން އެ ދަރިވަރުންގެ ޔުނީފޯމްގެ ކަންކަން ހަމަޖެއްސުމަކީ ދަތިކަމަށް ވާނެތީ އެޑިއުކޭޝަނުން ވަނީ ކުލަ ހެދުމުގައި އެ ދަރިވަރުން ސްކޫލަށް ދެވޭނެ ކަމަށް ބުނެފައި ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.
މިކަމާ ގުޅިގެން މުހްޔިއްދީން ސްކޫލްގެ ޕަރިންސިޕަލް ނާޒިމާ އަލީ ވިދާޅުވީ، އެ ސްކޫލުގައި މިހާރު ވެސް އެޑިއުކޭޝަންގެ މެންޑޭޓާއި އެއްގޮތަށް އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންނަށް ކްލާސް ހިންގާ ކަމަށެވެ. އެހެންކަމުން ވިލިމާލެ ޕްރީ ސްކޫލްގައި އެ ގްރޭޑްތަކުގައި ތިބި ދަރިވަރުންނަށް ޖާގަ އެބަ އޮތް ކަމަށާއި އަވަހަށް ސްކޫލަށް ދަރިވަރުން ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ނާޒިމާ ވިދާޅުވިއެވެ.
އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް މުހްޔިއްދީން ސްކޫލުން ފުރުސަތު އޮތް ނަމަވެސް ބޭބީ ނާސަރީ އަދި ނާސަރީގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ވިލިމާލޭގައި ފުރުސަތެއް ނެތް ކަމަށް ބެލެނިވެރިން ބުނެއެވެ. އެހެންކަމުން އެ ކުދިން ޖެހޭނީ މާލޭގެ ސްކޫލަކަށް ބަދަކުރަން ކަމަށާއި ކޮވިޑްގެ މިހާލަތުގައި ކުދިން ގޮވައިގެން މާލެއަށް ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބެލެނިވެރިން ބުނެއެވެ. ދެން އޮތް ގޮތަކީ އަންނަ މާޗް މަހު ޕްރީ ސްކޫލް ހުޅުވޭނެ ކަމަށް ބަލަބަލާ ތިބުން ކަމަށާއި ނަމަވެސް އެއީ ވެސް ކުދިންގެ ކިޔެވުމުން އިތުރު 2 މަސް ދުވަސް ގެއްލިގެން ދާނެ ކަމެއް ކަމަށް ބެލެނިވެރިން ބުނެއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، ވިލިމާލެ ޕްރީ ސްކޫލްގެ ކަންކަމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ކުރިން ވިލިމާލެ ޕްރީ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ޕްރިންސިޕަލް ހަސަން މަނިކު ވިދާޅުވީ، އެ ސްކޫލް ހިންގުމަށް ކުރިން އެގްރިމެންޓް ހަދާފައި ވަނީ 5 އަހަރު ދުވަހަށް ކަމަށެވެ. އެ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޮންޓްރެކްޓް ހަމަވެފައިވާތީ ކޮވިޑްގެ ސަބަބުން ކިޔެވުން ފަސްވެ ޓާމެއް ފަހަތަށް ޖެހިފައިވާތީ 6 މަސް ދުވަހު ސްކޫލް ހިންގުމުގެ ފުރުސަތެއް އެޑިއުކޭޝަނުން ދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތުން ގިނަ ބެލެނިވެރިންނަށް ފީ ދެއްކުމުގައި ދަތިތަކެއް ހުރުމުން މާލީ ގޮތުން އެ ސްކޫލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެ ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައިވެސް އެތައް ސްކޫލްތަކަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަ ކުރައްވަމުން ހަސަން މަނިކު ވިދާޅުވީ، އެ ސްކޫލް ހިންގުމަށް އެޑިއުކޭޝަނުން އިތުރު ފުރުސަތެއް ނުދީ އެންގީ 5 ދުވަހުގެ ތެރޭގައި އެތަނުގައި ހުރި މުދާތައް ނެރެ ތަން ހުސްކުރުމަށް ކަމަށެވެ.
އެ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. ބިޑް ބަލައިގަތުމާއި ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހެވެ.
ކޮވިޑް ބަލިމަޑުކަމުގައި ގިނަ ސްކޫލަތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދީފައި ވަނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. އެގޮތުން ދަށް ގްރޭޑްތަކަށް ވަނީ އޮންލައިންކޮށް ކްލާސްތައް ހިންގާފައެވެ. 2020 ވަނަ އަހަރުގެ ކިޔެވުން ކޮވިޑްއާ ގުޅިގެން ފަސްކުރެވި ދެވަނަ ޓާމް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރު ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން އިން ބުނެފައި ވެއެވެ.
ވިލިމާލޭގައި ހުންނަ ޕްރީ ސްކޫލަކީ 5969 އަކަފީޓުގެ ބިމެކެވެ. އެއް ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ތިން ކްލާސް ރޫމާއި ދަރިވަރުންނަށް ހަތަރު ފާހާނާ އާއި، މަލްޓިޕާޕަސް ސްޓޫޑަންޓް އެކްޓިވިޓީ ރޫމަކާއި ހެލްތު ރޫމަކާއި އެއް ފިހާރައިގެ އިތުރުން އިދާރީ އޮފީސް ފާހަނާ ހިމެނެއެވެ. އެއް ވަނަ ފްލޯގައި ފަސް ކްލާސް ރޫމާއި، ދަރިވަރުންނަށް ހަތަރު ފާހާނާ އާއި ފާހާނާއާ އެކު ހުންނަ އެކަޑަމިކް އޮފީހަކާއި ޓީޗިން އެއިޑް ރޫމަކާއި ސްޓާފް ރޫމެއްގެ އިތުރުން ހެޑް ޓީޗާ ރޫމެއް ހިމެނެއެވެ.