ރާއްޖެއިން ގަތަރާއެކު ހާރިޖީ ގުޅުން ގާއިމު ކުރަން ނިންމައިފިއެވެ. ރާއްޖެއިން ހާދިރޖީ ގުޅުން ކަނޑާލާފައި އޮންނަތާ 3 އަހަރު ވެއްޖެއެވެ.

ރާއްޖެ އިން ގަތަރާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން ނިންމާފައިވާ ކަން އިއުލާނު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ގަތަރާއެކު ގުޅުން ގާއިމު ކުރުމާ ބެހޭ ގޮތުން ގަތަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުރައިހީ އާ އެކު ޝާހިދު ރޭ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގައި އޮތް ގަލްފް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ނިންމުން ތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން ގަތަރާއެކު ގާއިމުކުރީ މެއި 26، 1984 ގައެވެ. އަދި ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ގަތަރާއެކު ރާއްޖެއިން ގުޅުން ކަނޑާލާފައި ވަނީ ސައޫދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ނަމަވެސް ދިވެހި ސަރުކާރުން އޭރު ބުނެފައި ވަނީ ގަތަރާއެކު ގުޅުން ކަނޑާލީ ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގައި ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުވެސް ހިމެނޭ ކަމަށް އޭރު ބުންޏެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާއި ބަހުރެއިން ޔޫއޭއީ މިސްރު އަދި ދެކުނު ޔަމަނުން ވެސް ގަތަރާ އެކު ޑިޕޮލޮމެޓިކް ގުޅުންތައް ކަނޑާލިއެވެ.