އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވެސް ކުރިމަތި ލެވޭނެ ހެން ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާ ޕާޓީ އިތުރަށް ހުޅުވާލުމަށް ނިންމާފައި ވާ ކަމަށެވެ. އަދި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހި ކުރުމަށް އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށް ވުން އުނިކުރަން އިސްލާހު ހުށަަހަޅުއްވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕަޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނީގޮތުން ލާޒިމުކުރާ ކަމަކަށް ނުވިއަސް ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުން ބޭނުންވި ގޮތް ކަމަށް ވާތީ ކަމަށެވެ. އަދި އެގޮތަށް މެމްބަރުން ބޭނުންވާ ކަމަށް ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ފަރާތްތަކަށް ފެނިވަޑައިގެންފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ލެވޭނެހެން އިސްލާހު ހުށަހެޅުއްވީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި އެކަން ކުރެއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާވެސް މަޝްވަރަ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ 7 މެންބަރުގެ ސޮއާއެކު ކަމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ލެވޭނެހެން ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައި މިވަނީ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މި މައްސަލަ ހޫނުވެފައި ވާއިރު، އެ ޕާޓީގެ ރިޔާސީ އިންތިހާބު މި މަސް ތެރޭގައި ބާއްވަން ވަނީ ހަމަޖައްސާފައެވެ. އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ވަރަށް ރަގަޅު ތޫނުފިލި ވިސްނުމެއް އަދި އިތުރަށް އަންހެންކަނބަލުންގެ ހިތުގައި ޢިމްރާނަށް ދެވިފައި ޖާގަ ފުޅާވެގެންދާނެ ނިންމުމެއް! އަދި ކިރިޔާ ތިޕާޓީ ހަމަމަގުން ދަތުރުކުރާނެ މިސްރާބު ތިފެނުނުނީ