ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮވެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
ޝިޔާމް ވިދާޅުވީ، އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނާ، ގާނޫނުއަސާސީއާ ހިލާފު ބައެއް ގާނޫނުތައް އުވާލަން ޖެހޭ ކަމަށެވެ. އެގޮތުން، ލޯކަލް ކައުންސިލް އިންތިހާބު 2020 އާ ގުޅޭ ހާއްސަ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ހާއްސަ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފު ދެ ގާނޫނު ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ތަންފީޒު ކުރުމުގެ ފުރުސަތުދީ އެ ހައްގުތައް ނަގަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން ވޯޓުލުމުގެ ހައްގާއި އިތުރު ދުސްތޫރީ ހައްގުތައް ކަށަވަރުކޮށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަންދުކޮށްފައި ވާތާ މިހާރު 400 ދުވަސް ވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ޖަލަށް ލާފައި ވަނީ ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމެއްގެ މައްޗަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން ރަށްރަށަށް ދަތުރުކޮށް، ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަމުން ދާއިރު އިދިކޮޅުން ތިބީ ރަށު ބަންދުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީއިލެކްޝަން ކޮމިޝަނާއި އެޗްޕީއޭ މެދުވެރިކޮށް ސަރުކާރުން ކައުންސިލް އިންތިހާބު ފަސް ކުރަމުން ދަނީ ސަރުކާރަށް ކައުންސިލް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށެވެ. މިހެން ވިދާޅުވެ ޝިޔާމް ވަނީ ރާއްޖޭގައި އޮންނަނީ ޑިމޮކްރެސީތޯ ސުވާކު ކުރައްވާފައެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ނަޝީދު ވެސް ވަނީ ސިފަ ކުރައްވާފައެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ތަކެއް ގެންނަން ޖެހޭތީ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުވެސް ވަނީ ވިދާޅުވެފައެވެ.
ޝަރީފު ވިދާޅުވެފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗު މަހު އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޝަރީފު މިހެން ވިދާޅުވެފައި ވާއިރު، އީސީގެ މެންބަރު އިސްމާއިލް ހަބީބު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާފައެވެ. އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭތީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާން ކުރާ އިންތިހާބު، ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށް އެ ގާނޫނުގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހު ކޮށްދިނުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ނުބޭއްވި ފަސް ކުރީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.
އިންތިޚާބު ބާއްވަން ހުރަހެއްނާޅާނެ. ވޯޓުލެވެންޖެހޭނެ މެއިލް މެދުވެރިކޮށް އެމީހާ އައިޑެންޓިޓީ ކަށަވަރުކުރުމަށް ކަނޑައަޅާ ކޮންމެވެސް އެކައްޗަކުން. ޢެއީ ނެޝަނަލްޢައިޑީކާރޑް. މެއިލް އެޓޭޗްމަންޓް އެންކްރިޕްޓްކޮށްފަ ހުޅުވޭނީ ރަޖިސްޓްރީ ކޮށްފައިވާ ބެލޮޓްބޮކްސްއަކަށް ކަނޑައަޅާފައިވާ ސެކިއުރިޓީ ކޯޑުން. ވޯޓު ކަރުދާސް ފޮނުވޭނެ މިޒަރީޢާ ތެރެއިން. ޢޮފީސްތަކުގައި އެބަ ބޭނުންކުރޭ ރަސްމީ ކަންތަކަށް ވައިބާ ވަސްއަޕް ފަދަ އެޕްލިކޭޝަންތައް. ވޯޓުނަމްބަރު ޖަހާ ކަރުދާސް ފޮނުވޭނެ ވަސީލަތްތައް ބޭނުންކުރެވޭނެ. ޥޯޓަށް ޤާނޫނުހެދިދާނެ މިކަންތައް ހިމަނައިގެން. އިންތިޚާބު ލަސްކުރުމުގެ މާނައެއްނެތް.