ހެލްތު މިިނިސްޓްރީންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުން ޕްރޮކިއުމަންޓް ގަވައިދާ ހިލާފަށް އަމަލު ކޮށްފައި ވާ އިރު އައިޖީއެމްއެޗުން އެފަދަ ގިނަ މުއާމަލާތް ތަކެއް ހިންގާފައިވާ ކަން ހާމަވެއްޖެއެވެ.

އޮޑީޓާ ޖެނެރަލް އޮފީހުން އާންމު ކުރި 2017 ވަނަ އަހަރުގެ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުން އާންމުކޮށް އެއްފަހަރާ ގިނަ އަދަދެއްގެ ތަކެތި ގަތުމުގައި އިއުލާން ނުކޮށް ބައިބަޔަށް ބަހާލައިގެން ތަކެތި ގަތުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާ ގޮތުން އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެތަކެތި ގަތުމުގައި އާންމުކޮށް އިއުލާން ކޮށް އަންދާސީ ހިސާބު ހޯދުމަށް ފަހު އެންމެ އެކަށީގެންވާ ފަރާތާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ބުނެއެވެ. ނަމަވެސް އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުން ވަނީ އެއްފަހަރާ ގަންނަ ތަކެތި 35،000 ރުފިޔާއަށް ވުރެ އިތުރު ވުމުން ބައިބަޔަށް ބަހާލައިގެން ހޯދާފައި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓް ބުނެއެވެ.

އައިޖީއެމްއެޗުން ވަނީ އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ އިތުރުވެފައި ވާ ހާލަތްތަކެއްގައި އަންދާސީ ހިސާބު ހޯދުމަކައި ނުލައި ހަރަދުކޮށްފައެވެ. އެ ގޮތުން އެ ހޮސްޕީޓަލުގެ ރޭޑިއޮލޮޖިސްޓުންގެ ހިދުމަތް ހޯދުމުގައި ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި 2017 ވަނަ އަހަރު 291،000 ރުފިޔާއާއި 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް 1،230،023 ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. މި ހަރަދުތައް ކުރުމުގައި އަންދާސީ ހިސާބު ހޯދާފައި ނުވާ ކަމަށާއި، އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތި ރޭޑިއޮލޮޖިސްޓްގެ ހިދުމަތް ހޯދާފައިވާ ކަަމަށް އޭޖީން ބުނެއެވެ.

އައިޖީއެމްއެޗުން ރޭޑިއޮލޮޖިސްޓުންގެ ހިދުމަތް ހޯދުމުގައި 2015 އިން 2017 އަށް ކޮށްފައިވާ ހަރަދުތައް:

  • 2015 ވަނަ އަހަރު ފުރަތަމަ ފަރާތް - 51،500 ރުފިޔާ
  • 2016 ވަނަ އަހަރު ފުރަތަމަ ފަރާތް - 587،523 ރުފިޔާ
  • 2016 ވަނަ އަހަރު ދެވަނަ ފަރާތް - 393،000 ރުފިޔާ
  • 2016 ވަނަ އަހަރު ފުރަތަމަ ފަރާތް - 198،000 ރުފިޔާ
  • 2017 ވަނަ އަހަރު ދެވަނަ ފަރާތް - 291،000 ރުފިޔާ

މީގެ އިތުރުން އައިޖީއެމްއެޗުން ވަނީ އެއްފަހަރާ ގަންނަ ތަކެތީގެ އަދަދު 35،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ހާލަތެއްގައި އެ އަދަދު ބައިބަޔަށް ބަހާލައިގެން އަނދާސީ ހިސާބު ހޯދުމަކާ ނުލައި ތަކެތި ގަނެފައި ކަމަށް ވެސް އޭޛީން ބުނެއެވެ. އެ ގޮތުން އައިޖީއެމްއެޗުން އެފަދަ 89 މުއާމަލާތެއް ހިންގާފައިވާއިރު، އެ މުއާމަލާތްތަކުގެ ޖުމްލަ އަދަދަކީ 2،063،282 ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އައިޖީއެމްއެޗް ގެ އިތުރުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ލ. ގަން ރީޖަނަ ހޮސްޕިޓަލާއި، މ. މުލި ރީޖަނަލް ހޮސްޕިޓަލުން މިފަދައިން ތަކެތި ގަނެފައިވާ ކަމަށް ވެސް އޭޖީން ބުނެއެވެ. އެގޮތުން އެއެންސްޕާއިން 2 މުއާމަލާތެއް ހިނގާފައިވާ އިރު ޖުމްލަ 57،400 ރުފިޔާ އެ މުއާމަލާތްތަކަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

ހަމައެއާއެކު ލ. ގަން ރީޖަނަލް ހޮސްޕީޓަލުން ޖުމްލަ 14 މުއާމަލާތަކުން 1،187،060 ރުފިޔާ ހަރަދުކޮށްފައި ވާއިރު ލ. މުލި ރީޖަނަލް ހޮސްޕީޓަލުން 56،130 ރުފިޔާގެ އެއް މުއާމަލާތް ކޮށްފައިވާ ކަަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ޖުމްލަ 450،000 ރުފިޔާގެ ހިދުމަތާއި ހަމަ އެ ހޮސްޕިޓަލުން ޖުމްލަ 46،860 ރުފިޔާގެ ތަކެތި އާންމުކޮށް އިއުލާން ނުކޮށް ބައިބަޔަށް ބަހާލައިގެން ހޯދާފައިވާ ކަން ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.