މި އަހަރު ފެށިގެން މިވީ ތިން ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގިނަ ކަން ފާހަގަ ކުރައްވާ މިއީ މި ސިނާއަތުގައި އުންމީދީ އަހަރަކަށް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނސްޓަރު ވިދާޅުވީ، އާ އަަހަރު ފަށައިގެން މިވީ ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅޭނީ އެވްރެޖްކޮށް 3456 ގައި ކަމަށެވެ. އެހެންކަމުން، މި އަހަރު ވެގެން ދާނީ އެ ސިނާއަތުގައި އުންމީދީ އަހަރަކަށް ކަމަށް ވެސް ކ މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކިލަނބު ދުވަސްތަކަށް ފަހު ފަތުރުވެރިކަން ކުރިއަރާފައި މިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިން ރާއްޖެއަށް އައުމަށް އެތައް ކެމްޕޭންތަކެއް ކުރުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ޖުލައި 15 އިން ޑިސެމްބަރު 30 ގެ ނިޔަލަށް 169،964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން އެއް ވަނީ ފަށާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށިފައި ވަނީ 1972 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ރާއްޖޭގައި އޮތީ ދެ ރިސޯޓެވެ. އެއީ މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ދެ ރިސޯޓު ކަމަށްވާ ކުރުނބާ މޯލްޑިވްސް އަދި ބަނޑޮސް އައިލެންޑް ރިސޯޓެވެ.