ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު، އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ ހަބަރު ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު ރޭޕް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެކަން ފެންމަތިމާއެކު އެ މައްސަލަ ނުބަލައި އޭނާ ގައުމަށް ފުރުވާލާފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެމީހާ ރޭޕް ކޮށްފައި ވަނީ އެ ރިސޯޓަށް ވަޒީފާގެ ތަމްރީނު ހޯދަން ދިޔަ އުމުރުން 19 އަހަރުގެ އަންހެން ކަމަށް އަޑުތައް ވަނީ އަރާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިތޯ ރޭ ނޫސްވެރިން ފުލުހުނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ބައެއް މީޑިއާއިން އެފަދަ ކަމެއް ރިޕޯޓު ކޮށްފައި ވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ދާ ކަމަށެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށް ފުލުހުން އަބަދުވެސް ބުނަމުން ދާއިރު މި މައްސަލައި ގައި ތުހުމަތު ކުރެވޭ ފަރާތާއި ގުޅުން ހުރި މައްސަލަ ބެލުމުގެ ބަދަލުގައި ފުލުހުން ބަލަން ގަސްދު ކުރީ އެވާހަކަ ޝާއިއު ކުރި މީޑިއާގެ ޝާއިއު ކުރި ލިޔުމުގެ މައްސަލައެވެ.