އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފިއެވެ.
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފަހު މިއަދު ފައިރޫސް ރިޓަޔާ ވެވަޑައިގަތީ ޕޮލިހުގައި 20 އަހަރު ދުވަހުގެ ދިގު ހިދުމަތެއް ކުރެއްވުމަށް ފަހުގައި ކަމަށެވެ.
އަދި ޕޮލިހުގައި އެ 20 އަހަރު ދުވަހު ކުރެއްވި ހިދުމަތަކީ ރައްޔިތުންނަށާއި ފުލުހުންނަށް އަގު ހުރި ހިދުމަތަކެއް ކޮށްދެއްވި އަހަރުތަކެއް ކަމަށް ސީފީ ހަމީދު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު ދަންނަވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ފައިރޫޝަށް އިތުރު ކާމިޔާބާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވަޑައިގަތީ ފައިރޫޝް އެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ފައިރޫޝް ރިޓަޔާ ކުރައްވާފައި ވަނީ ފުލުހުންގެ އާ ގާނޫނަކަށް އަމަލު ކުރަން ފެށިތަނާއެވެ. އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރޭގައި ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތް ކޮށްފި ނަމަ، ނުވަތަ ބަޢާވާތެއް ކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރު ދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ފައިރޫޝް ރިޓަރާ ކުރެއްވިކަން ހާމަ ކުރައްވާ ސީޕީ ހަމީދު ކުރެއްވި ޓްވީޓަށް ރައްދު ދެމުން، ރައީސް ނަޝީދުގެ ހިޔަނި ޓްވިޓާ އެކައުންޓް "އެލެކްސް އަހުމަދު" ބުނެފައި ވަނީ "ކަލޭ އޭނާ ކުރި ބަޣާވާތަށްވެސް ޝުކުރު އަދާކުރަނީ" ހެއްޔެވެ.
ރިޓަޔަރޭ؟ ރިޓަޔަރ ވީ ކިހިނެތް؟އިންސާފެއް ނޫން!!!!!!!!! ސިވިލް ސަރވިސް ގައި އަމިއްލަޔަށްވެސް ރިޓަޔަރ ވެވެނީ އުމުރުން 55 ވީމަ. އެހެންނޫނީ ޖެހެނީ އިސްތިއުފާ ދީފަ ގެޔަށް ދާން. ޕެކެޖެއް ނުލިބޭ. މިކަން ވެފަ އޮތް ގޮތެއް ބަލަން ކެރިދާނެބާ؟