މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށްފައިވާ "ރައިވެރިބޭ ކޮއްތުވެނި" ހާބަރު ފުޑް ކޯޓްގެ ޔުނިޓްތަކުގެ ތެރެއިން 14 ޔުނިޓެއް އަލުން ބީލަމަށް ލައިފިއެވެ.

އެސްޓީއޯ އިން ބުނީ ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ އެ ބްލޮކްތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމުގެ ކުރިން ބީލަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕްރޮޕޯސަލް ހުށާހަޅާ ފަރާތްތައް ބޭނުން ނަމަ ބްލޮކްތައް އެތެރޭގެ ހާލަތު ބަލައިލަން ދިއުމުގެ ފުރުސަތު އޮތް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން އެ ބްލޮކްތައް ބަލައިލަން ދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އާއި 10 ވަނަ ދުވަހުގެ މެންދުރު 2:00 އިން 3:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުޑްކޯޓަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ފޯމްސެޓް ހޯދޭނެއެވެ. އަދި އެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އެސްޓީއޯ ހެޑް އޮފީހުގެ ރިސެޕްޝަނަށް ކަމަށާއި ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުޑް ކޯޓް ސަރަހައްދުގައި ސައިކަލުތަކެއް ޕާކްކޮށްފައި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ހާބާ ފުޑް ކޯޓްތައް ހުސްވެރިފައި ވަނީ ރާއްޖެއަށް ކޮވިޑް ބަލިމަޑުކަން ފެތުރި ގިނަ ވިޔަފާރިތައް ހުއްޓުމަކަށް އައި ދުވަސްވަރުން އެތަނުގައި ފުޑް ކޯޓުތައް ހިންގާ ފަރާތްތައް ވިޔަފާރި ހުއްޓާލުމުންނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރި ދުވަސްވަރު ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

ކުރިން ދީފައިވާ ފުޑް ކޯޓުތަކުގެ ކުލި އުޅެނީ 60،000 ރުފިޔާ އާއި 80،000 ރުފިޔާ އާ ދެމެދުގައެވެ. މި ކުލިތައް ބޮޑު ކަމަށް ބުނެ އޭރު ގިނަ ބަޔަކު ވަނީ ޝަކުވާ ވެސް ކޮށްފައެވެ.