ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 25 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހަކާއި ރިސޯޓްތަކުން 3 މީހެއްގެ އިތުރުން ލިވަބޯޑް (ކަނޑުމަތީ އުޅަނދަކުން) 17 މީހެކެވެ. މިއަދު 47 މީހަކު ޕޮޒިޓިވް ވީ ނެގި 2085 ސާމްޕަލްގެ ތެރެއިންނެވެ. މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 599 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 25 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13804 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13149 އަށް އަރާފައި ވާއިރު މި ބަލީގައި ނިޔާވީ 48 މީހެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ނިޔާވި 7 މީހަކީ މި ބަލީގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 47 ކަމަށް އެޗްޕީއޭ އިން ބުނެފައި ވާއިރު، ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއެއްގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 68 އަށް އަރާފައެވެ.
ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާއިން ޕޮޒިޓިވްވި މީހުންގެ 229 ކޮންޓެކްޓުން ހިމެނެއެވެ. ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ކޮވިޑް-19 ބަލީގެ އަލާމާތްތައް ހުރި ބަޔަކު މި ކާވެނި ހަފްލާގައި ބައިވެރިވުމުގެ ސަބަބުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.